ރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިންގާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވީ، ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް ކުރެއްވި ޕޯސްޓެއްގައި ރަސްމާލެ މަޝްރޫއަކީ އިސްލާމީ ވަހުދަތަކަށް އޮތް ނުރައްކަލެއް ކަމަށާއި ރާއްޖޭގެ ސަލާމަތީ ބަރަކާތުން ބަދަލުގައި އަލްއައްބާރުގެ އަމިއްލަ ސެކިއުރިޓީއަށް މުޅި ރަސްމަލެ ދީފަ އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވާ ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރުގެ ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއެއްގައި ރާއްޖޭގެ ސަލާމަތީބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު އޮންނާނެ ކަމަށެވެ. އަދި އެ ނޫންގޮތަކަށް އަދުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އޭނާ އަކީވެސް ރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއް ކަން ފާހަގަކުރައްވާ އިހުސާން ވަނީ، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސްކަމެއް މިސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ.

އިހުސާން ވިދާޅުވީ މިހާރު ވާހަކަ ދެކެވެމުންދާ ރަސްމާލޭގެ އެއްބަޔަކީވެސް ރާއްޖޭގައި ވިޔަފާރިއުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށް މިހާރުވެސް އޮތް އިރު، މިހުރިހާ ރަށެއްގައިވެސް ސެކިއުރިޓީ ބަލަހައްޓަމުންދަނީ އެބަޔަކު އަމިއްލަޔަށް ކަމަށެވެ. އަދި ރަސްމާލެވެސް ތަފާތެއްނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ނަމަވެސް މިހުރިހާތާކުވެސް ދިވެހި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އައިސްފިނަމަ ފުލުހުން އެކަން ކުރާ ކަމަށާއި ރަސްމާލޭގައިވެސް އެކަން ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރޮޖެކްޓްގެ ބާވަތުން އެމަސައްކަތް ކުރަން ޖެހެނީ އެރަށުގައި ގާއިމުވެތިބެގެންކަމަށްވާނަމަ އެކަން ކުރާނީ އެގޮތަށް ކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ އެކަމަކަށް އެއްވެސް ހުރަހެއްވެސް ނޯންނާނެ ކަމަށެވެ.

އިހުސާން ވަނީ މި ޕްރޮޖެކްޓާއި ގުޅުވައިގެން ރައްޔިތުންތެރޭ ފިތުނަފަސާދަ އުފެދޭނެހެން ދޮގުވާހަކަ ފަތުރަމުން ދަާއިރު ގައުމީ ސަލާމަތާއި ގުޅޭކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށް، ކަންކަމުގެ މައުލޫމާތު ނެތްނަމަ އެ މައުލޫމާތު އެނގޭފަރާތްތަކުން ސާފުކުރުމަށް އެދިފައެވެ.