މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނަގަން ނިންމި ނިންމުމަކީ މިސަރުކާރުން ލާމަރުކަޒީ ނިޒާމާ ދެކޮޅަށް، އެ ނިޒާމު ނައްތާލަން ސިލްސިލާކޮށް ރާވަމުން، ކުރަމުންދާ ކަންކަމުގެތެރެއަށް އިތުރުކޮށްލި ބޮޅެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މާލެސިޓީއިން ފެށި މިކަން ސަރުކާރުން ނިންމާނީ ރަށްރަށާއި އެހެން ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ބިންތައްވެސް ނަގާފައިކަމަށެވެ.

މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ބިންތައް ނެގިޔަސް، ޙަޤީގަތުގައި ސަރުކާރުން އެމަސައްކަތް ފެށީ މާލޭ ސަރަޙައްދުގައި އެމްޑީޕީގެ ޙަރަކާތްތައް ހުއްޓުވުމަށް ކަމަށާއި މުޒާހަރާއެއް، ޖަލްސާއެއް، އެއްވުމެއް ބާއްވަފާނެ ހުރިހާތަނެއް ނެގިޔަސް، އެމްޑީޕީ އަކީ ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމްޑީޕީ ދާނީ އަދިވެސް ބާރަށް ކުރިއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝަހީދު މިފަދައިން ވިދާޅުވީ، ހައުސިންގ މިނިސްޓްރީން އިއްޔެ ކުރި އިއުލާންއެއްގައި ވަނީ މާލެ މަސްމާރުކޭޓާއި ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗް އަދި ރަސްފަންނު ހިމެނޭ ގޮތަށް، މާލެއާއި ވިލިމާލޭގެ މުހިންމު 14 ބިމެއް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރާ ކަމަށެވެ.

އެ އިއުލާނުގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް މި ބިންތައް ގެންދަނީ މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާތީ، އުމްރާނީ ތަރައްޤީ ފުޅާކުރުމަށާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން މި ބިންތައް ބަދަލުކުރުމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ޚިޔާލެއް އޮތްނަމަ ހުށަހެޅުމަށް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތެއް މިނިސްޓްރީން ވަނީ ދީފައެވެ.