ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް ހައިޖެކް ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ހާދިސާއަކާ ގުޅިގެން، އިޒްރޭލަށް ކުރާ ދަތުރުތަކުގައި ދިވެހިރާއްޖެ ހިމެނޭހެން މުސްލިމް އަޣުލަބިއްޔަތު އޮތް 31 ޤައުމެއްގެ ޕައިލެޓުންނާއި ކްރޫއިން ބޭނުން ނުކުރަން އެ ގައުމުން އަންގައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި އެ ފްލައިޓް ސައުދީ އަރަބިއްޔާއަށް ޑައިވާޓްކުރަން ޖެހުނީ، އޮމާނަށް ނިސްބަތްވާ ކޯ-ޕައިލެޓް، ހައްމާމް އަލް ހަމާނީ އެ ބޯޓުގައި އިން ކެޕްޓަން ސްމިތު މަޗަރަށް ހަމަލާދީ، ބޯޓު ކޮންޓްރޯލް ކުރުމަށްފަހު އިސްރާއީލުގެ ބެން-ގުރިއަން އެއާޕޯޓަށް ބޯޓު ވައްޓާލަން އުޅުމާއި ގުޅިގެންނެވެ. އެކަމާގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށްކަމަށް ބުނެ އަލަށް ހެދި ޤަވާއިދު ބުނާގޮތުން، އިސްރާއީލުގެ ވައިގެ ސަރަޙައްދަށް ވަންނަ ފްލައިޓްތައް ދުއްވާ ޕައިލެޓުންނާއި ކެބިން ކްރޫއިންނަށް، އިސްރާއީލާއެކު ރަސްމީ ސިޔާސީ ގުޅުމެއް ނެތް ޤައުމުތަކުގެ ރައްޔިތަކަށް ނުވަތަ އެފަދަ ޤައުމުތަކުގެ ދެވަނަ ޕާސްޕޯޓެއް އޮންނަ މީހަކަށްވެގެން ނުވާނެއެވެ.

ފްރާންސްގެ އިންވެސްޓިގޭޓިވް ވެބްސައިޓެއް ކަމަށްވާ މީޑިއާ ޕާޓް އިން ބުނިގޮތުގައި، މި ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖެ އާއި ޕާކިސްތާނާއި، އަފްޣާނިސްތާނާއި، އީރާނާއި، އިރާގާއި، އޮމާނާއި، ސައުދީ އަރަބިއްޔާއާއި، އަލްޖީރިއާއާއި، ޓިއުނޭޝިއާ، މެލޭޝިޔާ، ބްރޫނާއީ، ބަންގްލާދޭޝް، އިންޑޮނީޝިޔާ،ކުވެއިތު،ލެބަނަން، ލީބިޔާ، މާލީ،މޮރިޓޭނިޔާ، އޯމާން، ޤަތަރު، ސޮމާލިޔާ، ސޫދާން، ސީރިޔާ، ،އަދި ޔަމަން ހިމެނޭހެން 31 ޤައުމެއްގެ އިތުރުން އެ ޤައުމުތަކުގެ ރައްޔިތުން ހިމެނޭގޮތަށް ޑުއަލް ނޭޝަނަލްޓީ ގެންގުޅޭ މީހުންނަށްވެސް މިކަން ވަނީ މަނާވެފައެވެ.

މި ނިންމުމާ ގުޅިގެން އެއަރ ފްރާންސް އިން ވަނީ ކްރޫއިން ހަމަޖެއްސުމުގައި ބަދަލުތަކެއް ގެނެސްފައެވެ. އަދި ޔުނައިޓެޑް އެއާލައިންސްއިންވެސް ވަނީ މި ސިޔާސަތު މުވައްޒަފުންނަށް އަންގާފައެވެ.

ފްލައިޓް ވައްޓާލަން ކުރި ނާކާމިޔާބު މަސައްކަތަށްފަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބޭރުގެ ސިވިލް އޭވިއޭޝަންގެ ސަލާމަތީ ކަންކަން އަލުން މުރާޖަޢާ ކުރުމަށް އަންގާފައެވެ. މި ހާދިސާގައި ޒަޚަމްވި އިންޑިއާގެ ޕައިލެޓް މަޗަރަށް މިހާރު އަންނަނީ ޔޫ.އޭ.އީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ. އިޒްރޭލުގެ 100 އަށް ވުރެ ގިނަ މީހުން ހިމެނޭހެން 182 ދަތުރުވެރިންނާ އެކު ދަތުރުކުރި އެ ބޯޓުގެ ކެޕްޓަނަށް ހަމަލާދީ ޒަހަމްކޮށްލުމުން ވެސް ލިބުނު އަނިޔާތަކާއެކު، އޭނާ ވަނީ ކޮކްޕިޓްގެ ދޮރު ހުޅުވައި، ފަސިންޖަރުންނާއި އެހެނިހެން ކްރޫއިންގެ އެހީތެރިކަމާއެކު ކޯޕައިލެޓް ކޮންޓްރޯލްކޮށްފައެވެ.

މަޗަރުގެ މި ހިތްވަރުގަދަ އަމަލާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭހެން ދުނިޔޭގެ ލީޑަރުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް، "ބަޠަލެއް"ގެ ގޮތުގައި ސިފަކޮށްފައެވެ.