މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެ އިދާރާއިން ބުނީ މިއަދު މިއަދު 14:00 އިން މިރޭ 20:00 އާ ދެމެދު އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ކުޑަވެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހު ނަމަވެސް، އަންނަ ހަފުތާގައިވެސް ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އެ އިދާރާއިން ބުނީ، އާދިއްތަ ދުވަހުން ފެށިގެން ވާރޭވެހޭ މިންވަރު ދަށްވި ނަމަވެސް، މުޅި ހަފުތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
މެޓު އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާންމުކޮށް ވައި އުޅެނީ އާދައިގެ މިންވަރަކަަށް މަޑުކޮށެވެ. އުތުރާއި މެދު ރާއްޖެތެރެއަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.