އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އައު ކޮށްފިއެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ދަށުން، 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އާކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުނު އެދުމަށް އިންޑިއާ ސަރުކާރުން ހުއްދަ ދީފައިވާ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އާރްބީއައި އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ސޮއިކުރެވުނު 'ސާކް ގައުމުތަކަށް ހާއްސަ ކަރަންސީ ސްވޮޕް އިންތިޒާމްގެ އޮނިގަނޑު' ގެ ދަށުން ނިންމި ނިންމުމެކެވެ. މި ފެސިލިޓީގެ ދަށުން ފުރަތަމަ ފިޔަވަހީގައި ދޫކުރި 30 ބިލިއަން ރުޕީސް ދިވެހި ސަރުކާރަށް ލިބިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ.
2024 އިން 2027 އަށް އެކުލަވައިލެވިފައިވާ މި އޮނިގަނޑުގެ ދަށުން، ދެ ގައުމުގެ ދެމެދުގައިވާ އިންޑިއަން ރުޕީސް ކަރަންސީ ސްވޮޕްގެ އިންތިޒާމްތަކުގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވެއެވެ. އެގޮތުން 2012 ވަނަ އަހަރު މި އޮނިގަނޑު ފެށުނީއްސުރެ، އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ސްވޮޕް އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެރަރީ ބޮންޑްގައި ބައިވެރިވެފައެވެ. އަދި އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓްރެޜަރީ ބިލެއް ރާއްޖެއިން އަނބުރާ ދައްކާފައިވާއިރު، އެ ބިލްތަކަށް އަރާފައިވާ 42.8 މިލިއަން ޑޮލަރުގެ އިންޓްރެސްޓް އިންޑިއާ ސަރުކާރުން ވަނީ ދައްކައިދީފައެވެ. މި ކަރަންސީ ސްވޮޕް ފެސިލިޓީއާއި، ޓްރެރަރީ ބޮންޑް އަދި ޓްރެރަރީ ބިލްތަކުގެ އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތްތަކެއްކަން ފާހަގަކުރެވެއެވެ.
އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތާއި، 'ވިރަން މަހާސާގަރު' (ސަރަހައްދީ ސަލާމަތާއި ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ތަސައްވުރު) ގެ ދަށުން، ދިވެހިރާއްޖެއަށް ހާއްސަ މަގާމެއް ފެވިފައިވާކަން އިންޑިއާގެ ސަރުކާރުން ފާހަގަކުރެއެވެ. މީގެއިތުރުން ރާއްޖެއާއެކު އޮތް ގާތް އަދި އިތުބާރުހުރި ރަޙުމަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވެއެވެ. އޭގެ ތެރޭގައި 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާނުކުރެއްވި 'އިގްތިސާދީ އަދި ކަނޑުގެ ސަލާމަތާ ގުޅޭ ފުރިހަމަ ބައިވެރިވުމުގެ' ތަސައްވުރު ތަންފީޒުކުރުން ހިމެނެއެވެ.