ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 94.5 މިލިއަން ރުފިޔާއަށް ގަނެފިއެވެ.
އެ މިނިސްޓްރީން ގަނެފައި ވަނީ ހުޅުމާލެ އެކެއްގެ 25،011 އަކަފޫޓުގެ ބިމެކެވެ. އެއީ ހުޅުމާލެ އިންޖީނުގެ އާއި މަސް މާރުކޭޓު ހިމެނޭ ސަރަހައްދުގައިވާ ބިމެކެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެ ބިމުގެ އަގުވެސް އެއްކޮށް ދައްކާ ޚަލާސްކޮށްފައެވެ. ސިވިލް ކޯޓުން ވަނީ އިސްލާމީ ޝަރީއަތުގައި ވިޔަފާރިއެއް ފުރިހަމަވުމަށް ބޭނުންވާ މައިގަނޑު ރުކުންތައް ކަމަށްވާ ޢަޤުދުވުމާއި، އިޖާބައާއި ޤަބޫލު ފުރިހަމަވެ، އަދި އެއްބަސްވި އަގު އެއްކޮށް އަދާކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
އެގޮތުން ސިވިލް ކޯޓުން މިހާރު ވަނީ، އެޗްޑީސީގެ ނަމުގައިވާ މި ބިން 94.5 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އަށް ވިއްކުމަށް ހިންގާފައިވާ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅައި، އެޗްޑީސީގެ މިލުކުން އެ ބިން ވަކިކޮށް، ފިނޭންސް މިނިސްޓްރީގެ ދަށަށް އެ ބިމުގެ މިލްކުވެރިކަން ބަދަލުކޮށްދީފައެވެ.