ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިރާޤުގެ ވެރިރަށް ބަޣުދާދަށް ފުރާވަޑައިގެންފިއެވެ.

މިިނިސްޓަރު އިރުތިޝާމް ބަޣުދާދަށް ފުރާވަޑައިގެންނެވީ އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާ (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.

އިރާޤުގެ ފޮރިން މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި ބައްދަލުވުން ޚާއްޞަކޮށްފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުތަނަވަސްކަމުގެ ތެރޭގައި، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމުގެ މައްޗަށެވެ. މިގޮތުން އެ ބައްދަލުވުމުގައި ސަރަހައްދީ ހަމަނުޖެހުންތަކާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އެ ސަމިޓުގެ ތެރެއިން މެންބަރު ޤައުމުތަކުގެ މެދުގައި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ.