މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ 35.984 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އިދާރީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީއަށް ދައުލަތުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އަދި އިދާރީ ހިދުމަތްތަކަށް ކުރި ރިކަރަންޓް ހަރަދު 7.4 އިންސައްތަ އިތުރުވެ 1.982 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ހަރަދު 8.6 އިންސައްތަ އިތުރުވެ 2.839 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) ކުރި ޖުމްލަ ހަރަދު ވަނީ 16.0 އިންސައްތަ އިތުރުވެ، 4.312 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އެހެނިހެން ހާރަދުތަކުގެ ތެރެއިން މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 އިންސައްތަ އިތުރުވެ 5.556 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ހަރަދު 43.7 އިންސައްތަ އިތުރުވެ 10.366 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ 71.8 އިންސައްތަ އިތުރުވެ 4.265 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ހަރަދު ވަނީ 23.6 އިންސައްތަ އިތުރުވެ 1.910 ބިލިއަން ރުފިޔާއަށް އަރާ ފައިވާ ކަމާއި އެއާ ހިލާފަށް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު 5.2 އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 3.801 ބިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަންވެސް ތަފާސް ހިސާބުތަކުން ފާހަގަކޮށްލެވެއެވެ.

މާލީ ވުޒާރައިން ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރުގެ ހަރަދަކީ 18.3 އިންސައްތައިގެ އިތުރުވުމެއް ކަމަށް ބުނެފައެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދަކީ 31.053 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދަކީ 4.931 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 4.418 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ވަނީ ރެކޯޑް ކުރެވިފައެވެ.