އިކުއިޓީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެހީ ދޭ ސްކީމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ޕްރޮގުރާމް ނޭޝަން ޗެޓްގެ މި ހަފްތާގެ ޕްރޮގުރާމުގައި ބައިވެރިވި މީހަކު ވަނީ ބިން ލިބިފައިވީ ނަމަވެސް ގެއެއް ތަރައްގީ ކުރުމަށް އިކުއިޓީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމަށްޓަކައި ލޯނެއް ބޭނުންވާކަން ފާހަގަކޮށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިންވެސް ލޯނަށް ޝަރުތު ހަމަނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވަނީ މިހާރު އިކުއިޓީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ކޮންމެވެސް އެހީއެއް ދެވޭނެ ސްކީމެއް ހަދެމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭރުން ލޯނު ނަގަން ފަސޭހަވެގެން ދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަދި އެ ސްކީމް އެއްކޮށް ތައްޔާރުކޮށް ނިމިފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރުވެސް ޓްރަސްޓް ފަންޑުގައި އެކަމަށްޓަކައި ބަހައްޓާފައި ހުރި ފައިސާ އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުވެސް ހަމަ ބޭނުންވޭ ތި ވިދާޅުވީ ގޮތަށް ގޯތި ހަދާނެ ގޮތެއް ނެތިފަ ތިބި ބޭފުޅުންނަށް އެކަން ކުރެވޭނެ ގޮތް ހަދައިދޭން. މިހާރުވެސް އަޅުގަނޑުމެންގެ ޓްރަސްޓް ފަންޑުގައި އެބަހުރި ކޮންމެވެސް ވަރަކަށް މިއަށް ބޭނުން ކުރަން ބަހައްޓަފަ ހުރި ފައިސާ. މިއީ ސަރުކާރުގެ ފަރާތުން ހިލޭ އިކުއިޓީ ކޮންޕޯނެންޓަށް ދޭ، އަނބުރާ ދައްކަން ނުޖެހޭ އެއްޗެއް. 2 ލައްކަ ރުފިޔާ ވަރު ކޮންމެ މީހަކަށް."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވަނީ ސަރުކާރު ތެރެއިން ކުރެވެން ހުރީ އެފަދަ ކަންތައްތައްކަމަށާއި ދެން ޖެހޭނީ ޕްރައިވެޓް ސެކްޓާ ތަކުން ބަލަން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އެ ސްކީމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންދާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.