ވިލުންތެރި ގައުމެއް ބިނާކުރުމުގެ އިތުރުން ދެމެހެއްޓެނިވި އިގުތިސޯދަކަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކޮންމެ މީހަކަށްވެސް ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އައު އީޖާދުތަކުގެ މައްޗަށް ބިނާވެފައިވާ، ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
އެގޮތުން މިއަހަރުގެ ޝިޢާރު ކަމަށްވާ "އިންނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ" އިން ހަނދާންކޮށްދެނީ މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަގުފަހިކޮށްދޭނެ ކަންކަން ކަމުގައި ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، އީޖާދުކުރުމަށް ވުނަކުރުމަކީ، ގައުމީ ފެންވަރުގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން ފުޅާކޮށް، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދުޅަހެޔޮ، ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކޮށްދެވޭނެ ކަމެއް ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމީ ވިލުންތެރިކަމަށާއި އިގުތިސޯދީ ދެމެހެއްޓެނިވިކަމަށް އަސާސީ ގޮތުން ފުރިހަމަވާން ޖެހޭކަމެކެވެ.
އެގޮތުން އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް އަޅުގަނޑުމެންގެ ދިރިއުޅުމާއި މުޖުތަމައުތައް ދަމަހައްޓައިދޭ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމާއި، މަސް ރައްކާކުރާ އަދި ޕްރޮސެސްކުރާ ވަސީލަތްތައް ފުޅާކުރުން ހިމެނޭ ކަމަށެވެ. އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން އެކި ރަށްރަށުގައި ދަނޑުވެރިކަމުގެ މަޝްރޫޢުތައް ފަށައި، ލިބެންހުރި ބިންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކުރުމަށް ބާރުއަޅަމުންދާ ކަމަށް ވިދާޅުވި އެވެ.
އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ރާއްޖޭގެ އުފެއްދުންތެރިންގެ ޢިލްމާއި ތަޖުރިބާގެ ބޭނުން ހިފައި، ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކޮންމެ ޢާއިލާއަކަށްވެސް ފައިދާހުރި ކާބޯތަކެތި ހެޔޮއަގުގައި ލިބޭނެ މުސްތަގްބަލެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.