ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއް ނޫން ކަމަށާއި، އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނެގުމާ ގުޅިގެން އެކަމުގެ ކަނބޮޑުވުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޒް ވިދާޅުވީ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މާލޭ ސިޓީ ކައުންސިލާމެދު ކަންކަން ކުރެއްވި ގޮތުންވެސް އެމަނިކުފާނީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނުކަން ސާފުވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ލާމަރުކަޒީ ނިޒާމުން ލިބިދޭ ހުރިހާ ބާރެއް ބޭނުން ކުރެއްވި ކަމަށާއި، ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ފަހަރަކު ބާރެއް އަތުލައްވަމުން ގޮސް، މިއަދު ވެރިރަށުގައި ހުރި ހުރިހާ ބިމެއް ސަރުކާރަށް އަތުލާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މާލޭގެ ކަންކަން ނިންމަން މާލޭގެ ރައްޔިތުން ވޯޓުން ހޮވި ކައުންސިލެއް އޮއްވައި ސަރުކާރުން ގޮތް ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވެރިކަން ކުރާ ޕީއެންސީން ބޭނުންވަނީ ރައްޔިތުން އަޅުވެތިކޮށް، ސަލާން ޖެހުވުމަށް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަކީ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ލާމަރުކަޒީ އުސޫލުން ބާރުތައް ދޫކޮށްގެން ތަރައްގީ ގެނެސްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.