ލިޔުންތެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތަކާއި ހިޔާލުތައް އަޑުއައްސަވައި، އެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވައި، އެ ދާއިރާގެ މިހާރުގެ ހާލަތު އިތުރަށް ރަނގަޅުކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފަންނާއި ބެހޭ ވުޒާރާގެ "އިސްވަރު" ހޯލުގައި ލިޔުންތެރިންނަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުކުރެއްވުމުގަވެ.
އެ ބައްދަލުކުރެއްވުމުގެ މައިގަނޑު މަގުސަދަކީ، ލިޔުންތެރިކަމަކީ އެ ވުޒާރާއާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާއެއްކަމަށްވާތީ، ލިޔުންތެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތާއި، ލިޔުންތެރިންނަށް ދިމާވާ މައްސަލަތަކާއި، އެ ކަންކަން ހައްލުކުރުމަށްޓަކައި ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
ވަޒީރު ހީނާގެ ވާހަކަފުޅަށްފަހު، އަބްދުލްމުއީދު ހަސަން ލިޔުއްވާފައިވާ ދެ ފޮތްކަމަށްވާ "އިސްލާމީ ސާސްތުރައިގެ ބައެއް މަލަ" މި ފޮތާއި، މަރުހޫމް އަބްދުﷲ ހަމީދުގެ ހަނދާނުގައި ލިޔުއްވާފައިވާ "ހަމީދުގެ ހަނދާނުގައި" މި ދެ ފޮތް ވަޒީރަށް ވަނީ އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިބަހުގެ އެކެޑެމީގެ ރައީސް ހަސަން ޝާކިރު މުހައްމަދާއި، ހާޒިރުވެވަޑައިގެން ތިއްބެވި ބައެއް ލިޔުންތެރިން ވަނީ ލިޔުންތެރިކަމުގައި މިހާރު ހުރި ގޮންޖެހުންތަކާއި، ޒުވާން ޖީލު ލިޔުންތެރިކަމަށް ޝައުގުވެރިކުރެވޭނެ ބައެއް ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ލިޔުންތެރިންގެ ހިޔާލަށް ހުށަހެޅުއްވުމުން، ބައެއް ލިޔުންތެރިން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، މިހާރަށްވުރެ އިތުރަށް ލިޔުންތެރިކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
އެގޮތުން، ބައްދަލުކުރެއްވުމުގައި ބައިވެރިވި ޒުވާނެއްގެ ފަރާތުން "ޒުވާނުން ލިޔުންތެރިންނަށް ވާންވީ ކީއްވެ؟" މި ސުވާލު ހުށަހެޅުމުން، ވަޒީރު ހީނާ ވަލީދާއި، ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ދުވަސްވީ ތަޖުރިބާކާރު ލިޔުންތެރިންކަމުގައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިންއާއި، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމްގެ އިތުރުންވެސް ބައެއް ލިޔުންތެރިން ވަނީ އެ ސުވާލަށް ޖަވާބު ދެއްވާފައެވެ.