ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ އައިއެސް ޖަމާއަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން އެ ރަށުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައި ރޭވުމުގެ ތުހުމަތުގައި ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތު ނުވުމުގެ ސަބަބުން މިނިވަންވި މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެން ހޯމް މިނިސްޓްރީން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު އާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދެވެ.
މި މައްސަލައިގެ ޙުކުމް އިއްވާފައިވާއިރު، ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި މައްސަލާގައި ދަޢުވާލިބޭ އެންމެން ވަނީ ބަންދުން މިނިވަންވެފައެވެ.
މި މައްސަލައިގައި ދައުލަތުން 7 ދައުވާއެއް އުފުލިއިރު، ކުށް ސާބިތުވެފައި ވަނީ އަބްދުﷲ އިމާދާއި، އަލީ މުނީޒުގެ އިތުރުން އަލީ އަރުހަމް މުހައްމަދާއި އިބްރާހީމް ލޫތުގެ މައްޗަށެވެ. މީގެ ތެރެއިން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށް ސާބިތުވެ، އިމާދާއި އަރުހަމް ތިން އަހަރަށް އަދި މުނީޒު އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވެ އަރުހަމް ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އިރު، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އިމާދާއި ލޫތު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށްވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި އަރުހަމް ފިޔަވައި ދެން ތިބި މީހުން ބަންދުގައި ހޭދަކުރި މުއްދަތުން އެބައި އުނިކުރުމުން ތަންފީޒުކުރާނެ އިތުރު އަދަބެއް ނެތުމާއެކު، އެ މީހުންވަނީ ބަންދުން މިނިވަންވެފައެވެ.
މީގެ އިތުރުން ކޯޓުން ސާބިތުނުވާކަމަށް ނިންމާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށްވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުނުވި މައިގަނޑު ސަބަބެއްގެ ގޮތުގައި ކޯޓުން ބުނީ، މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މޮބައިލް ފޯނަކުން ނަގާފައިވާ ޑާޓާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދުން ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލައިގައި ސާބިތުނުވި ދައުވާތައް އިސްތިއުނާފުކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލައިގެ ރިޕޯޓު ލިބުމުން ކަމަށެވެ.
އެހެންވެ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރެގެން އެމީހުން މޮނިޓާކުރަން ނިންމައި، އެކަމަށް އެދި ހޯމް މިނިސްޓްރީން ހައި ކޯޓަށް ހުށަހަޅާފައިވާ ކަން ވަނީ އެނގިފަ އެވެ. އަދި އެކަމާ ގުޅޭ އަޑުއެހުން މިދިޔަ އަންގާރަ ދުވަހު ހައި ކޯޓަށް ކުރިއަށް ގެންދިޔަ ކަން ވެސް ކަށަވަރުވެފައިވާއިރު، އެ އަޑުއެހުމުގައި އަމުރު ނެރެފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ ގޮތުން އަމުރު ތަންފީޒު ކުރަންޖެހޭ ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
މިފަދަ އަމުރަކަށް އެދި ހޯމް މިނިސްޓްރީން ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭ ގޮތެއް ކަނޑައަޅަންޖެހެއެވެ. މިއީ މި ބާވަތުގެ އަމުރެއް ހައި ކޯޓުން މިފަހުން ނެރުނު ފުރަތަމަ ފަހަރެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
މޮނިކޮން އަމުރެއްގެ މުއްދަތަކީ ގާނޫނުގައިވާ ގޮތުން އެއް އަހަރު ކަމަށްވީ އިރު، އެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލަން ކޯޓަށް ފުރުސަތު ލިބެ އެވެ. ނަމަވެސް، މިނިސްޓްރީއަށް ފެނިއްޖެ ކޮންމެ ވަގުތެއްގައި ވެސް އެ އަމުރު ތަންފީޒުކުރުން ހުއްޓާލެވިދާނެއެވެ.
މިފަދަ އަމުރަކީ އިސްތިއުނާފު ކުރުމާއި ރިވިއު ކުރުމަށް އެދުމުގެ ފުރުސަތު ވެސް އޮންނަ އަމުރެކެވެ.
މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 8 ފެބްރުވަރީ 2021 ގައެވެ. މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޭޕްރީލް މަހު ހުލާސާ ބަޔާން ހުށަހަޅައި ނިންމުމަށްފަހު، ހުކުމްކުރުމުގެ މަޖިލިސް ބާއްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނުއެވެ.