ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑް އޮފިސަރުންގެ ރޭންކުތަކާ ގުޅޭ ފުލުހުންނަކީ ހަމައެކަނި މަގާމުގެ ކުރިއެރުމެއް ނުވަތަ ރޭންކެއް ހޯދުމުގެ ނިޔަތުގައި ތިބޭ ބަޔަކަށް ނުވެ، މުއައްސަސާއާއި ރައްޔިތުން އެދޭ ފަދަ ގާބިލު ލީޑަރޝިޕެއް އަމަލީ މައިދާނުގައި ދައްކައި، ބޮޑެތި ޒިންމާތައް އުފުލޭނެ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، ސީޕީ އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ އެފަދައިން ވިދާޅުވީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) އިން ހިންގި 6 ވަނަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ގޮތުން މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެން.ސީ.ޕީ.އެލް.އީގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހްމާން އަދި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ދަސްވެނިވި އޮފިސަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ ވިދާޅުވީ، 9 މޮޑިއުލްގެ މައްޗަށް އެކުލެވޭ މި ތަމްރީނު ފުރިހަމަކުރި 35 އޮފިސަރުންނަކީ ނަން-ކޮމިޝަންޑް ރޭންކުތަކުން ކޮމިޝަންޑް އޮފިސަރެއްގެ ގިންތިއަށް ބަދަލުވުމުގެ މަރުހަލާ ފުރިހަމަކޮށް، މާދަމާ މުއައްސަސާގެ އިސް ލީޑަރޝިޕްގެ ޒިންމާތަކާ ހަވާލުވުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށެވެ. އަދި މި ކޯހަކީ މުއައްސަސާގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ކޯހުން އެއްވަނަ ހޯދާފައިވަނީ އަހްމަދު ނަދީމެވެ.

ފުލުހުންގެ ތަމްރީނުތަކަށް މުއައްސަސާއިން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާއި ހޭދައަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފަންވާނީ ހިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތަކީ ވަގުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، މުއައްސަސާގެ ކޮލިޓީ ދަމަހައްޓައި ދިގު މުއްދަތަކަށް ހިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.

މުވައްޒަފުން ތަމްރީނުކޮށް، އިލްމާއި ހުނަރުގެ ފެންވަރު މަތިކުރުމަކީ މުއައްސަސާއިން ކޮންމެ ދުވަހަކުވެސް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކުރައްވަމުން، ފުލުހުން ވެގެންދާނީ އިލްމީ ގޮތުން ގާބިލު، ހުނަރުވެރި، އަދި ރައްޔިތުން އިތުބާރުކުރާ ފަދަ ތަޖުރިބާކާރު ފުލުހުން ތިބި މުއައްސަސާއަކަށް ކަމަށް ސީޕީ ވިދާޅުވިއެވެ.