މާލެ ސަރަހައްދުގައި ވަކި އުޅަނދުތަކަކަށް ވަކި ގަޑިތަކެއްގައި ނުދެއްވޭނެ ކަމަށް އިގުތިސޯދީ ތަރައްގީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ، މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހާއްސަކޮށް ދަރިވަރުންނަށާއި ބެލެނިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަހައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވަން ހުއްދަ ގަޑިތައް ހާމަކޮށްފައެވެ.

އެ އިއުލާނުގައި ބުނެފައވާގޮތުން، ހެނދުނު 06:00 އިން ހެނދުނު 8:30 އަށް އަދި ހެނދުނު 11:30 އިން މެނދުރު 01:30 އަށް 350 ކިލޯއަށްވުރެއް މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ. އަދި ދުއްވުން މަނާ ކޮށްފައިވާ މަގުތަކަށް ބަލާލައިރު، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތައް، ހުޅުމާލޭގެ މަގުތައް އަދި ބުރިޖާއި ހައިވޭ ހިމެނެއެވެ.

އެ ވުޒާރާއިން ވަނީ ސުކޫލު އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާންމުކޮށް ފެށޭ ގަޑިއާއި ނިމޭގަޑީގައި، ސްކޫލްތަކުގެ ސަރަހައްދުތަކުގައި އެ ގަޑިތަކުގައި އިއުލާނުގައި ބުނެފައިވާ އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށްވެސް ބުނެފައެވެ.

އެހެންކަމުން އެ ވުޒާރާއިން ވަނީ އެފަދަ އުޅަނދުތައް ދުއްވާ މީހުން އެ ގަޑިތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ އިއުލާނާއި ހިލާފުވާ މީހުންނާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.