ބަރަކާތްތެރި ރަމަޟާން 1448ގެ މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 14 މިސްކިތެއް ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާއި އަުގާފައި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާނުކުރައްވައިފިއެވެ.
އިސްލަމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާގޮތުގައި، އޭގެ ތެރޭގައި، މާލެ ސަރަހައްދުގެ ހުޅުމާލޭގައި އަލަށް ބިނާކުރެވޭ ދާއިމީ 3 މިސްކިތެއްވެސް ހިމެނެއެވެ. އަދި ކޮންމެ އަހަރަކުވެސް، ހާއްސަކޮށް ރަމަޟާން މަހުގެ ކުރިން، އަލަށް ބިނާކުރެވޭ މިސްކިތްތައް ހުޅުވުމަށް ގިނަ މަސައްކަތްތަކެއް އިސްލަމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރާ ކަމަށް އެ ވުޒަރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ މިއީ އާބާދީ އިތުރުވަމުންދާ މުޖުތަމައުތަކަށް އެކަށީގެންވާ ޖަމާއަތުގައި ނަމާދުކުރާނެ ޖާގަ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ސަރުކާރުން އިސް ނަގައިގެން ކުރިޔަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ.
އެއީ ވަކިން ހާއްސަކޮށް ރަމަޟާން މަހާއި، އީދު ދުވަސްތަކުގައި، ޖަމާއަތުގައި ނަމާދުކުރުމަށް ގިނަ އަދަދެއްގެ މީހުން މިސްކިތްތަކަށް ދާނެތީ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން މިހެން ބުނެފައިވާއިރު، މިދިޔަ މަހުގެ 12 ވަނަ ދުވަހުގައި ރައީސް މުއިއްޒު ވަނީ "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައެވެ.
އެކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކުންފުންޏާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވަނީ ވަގުފާ ގުޅޭ ކުންފުންޏެއް އުފެއްދުމުގެ ބޭނުމަކީ މިސްކިތްްތައް ފޭރި ގަނެ، މިސްކިތްތައް އެކުންފުނީގެ ދަށަށް ގެނައުން ނޫން ކަމަށާއި ބޭނުމަކީ ވިޔަފާރީ ކޮށްގެން އަދި އެހެނިހެން ގޮތްގޮތުން މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް ވިދާޅުވެފައެވެ.