ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުން އަންނަ މަސައްކަތްތަކުގައި މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ޝާމިލުކުރުމުގެ ގޮތުން "ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)" އެމްބެސެޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެޗްޑީސީން މިއަދު ބުނީ ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމުގެ ތަސައްވުރުގެ ތެރެއިން މި އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހު އެ ކޯޕަރޭޝަންގެ ޕީޑަބްލިޔުޑީ އެމްބެސެޑަރުންގެ ގޮތުގައި ރަސްމީކޮށް އައްޔަންކޮށްފައިވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އަދި ސެންޓްރަލް އޮޕަރޭޝަންސްގެ އަޙްމަދު ނަޖީބު ކަމަށެވެ. އެ ބޭފުޅުންގެ އެމްބެސެޑަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ އެ ދެ ބޭފުޅުންނާ އެކު ސޮއިކުރި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެ ބޭފުޅުންގެ ޚިޔާލާއި، މަޝްވަރާއާއި، ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅުމުގައި ދެ އެމްބެސެޑަރުން އެހީވާނެ ކަމަށެވެ. މީގެ އިތުރުން ވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ މަސައްކަތްތައް ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދޭތޯ ބެލުމުގައާއި، ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދަނީ އެންމެންނަށް ބައިވެރިވެވޭ ގޮތަށްކަން ކަށަވަރުކުރުމުގައި އެ'ކޯޕަރޭޝަނަށް އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެންމެންނަށް ފަހި ތަނެއްގެ ގޮތުގައި ހުޅުމާލެ ބިނާކުރެވޭނީ މުޅި މުޖުތަމަޢުގެ އެއްބާރުލުމާއެކީގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެ ކޯޕަރޭޝަނުން އައްޔަންކުރި އެމްބެސެޑަރުން މަސައްކަތްކުރާނީ ރައްޔިތުންގެ ޚިޔާލުތަކާއި ބޭނުންތައް ދެނެގަނެ، އެ ކަންކަން ހަގީގަތަކަށް ހެދުމަށް ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ. މަގުތަކާއި އާންމު ސަރަހައްދުތައް ތަރައްގީކުރުމުގައި ވެސް އެ ކޯޕަރޭޝަނުން ދެމިތިބޭނީ މި އަޒުމުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ވަނީ ހުޅުމާލެއަކީ އެންމެންނަށް ހިތްފަސޭހަ ތަނަކަށް ހެދުމުގައި އެންމެން އެކުގައި މަސައްކަތް ކުރަން އެދިފައެވެ. މި ފަދަ އެއްވެސް ކަންބޮޑުވުމެއް ހިއްސާކުރަން ބޭނުން ނަމަ، ކުރިއެކޭ ވެސް އެއްގޮތަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅައިގެން އެކަން ހިއްސާކުރެވޭނެއެވެ.