ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސެއިން އާއި އާރްޑީސީގެ އެމްޑީގެ މަގާމުން ވަކިކުރި އިބްރާހިމް ނަޒީމް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަންކޮށްފިއެވެ.

އަފީފް މަގާމުން ވަކިކުރިކަން އަންގާފައި ވަނީ އިއްޔެއެވެ. ނަޒީމް އެ މަގާމުން ވަކިކުރިކަން އިއުލާނުކޮށްފައިވަނީ މިއަދުއެވެ. މީގެ ކުރިން ޔޫތު މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި ނަޒީމް އައްޔަންކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އަދި ފެނަކައިން ވަކިކުރި އަފީފް އައްޔަންކޮށްފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ޝަރީއާގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ އަފީފް މީގެ ކުރިން ވަނީ އެމްޓީސީސީ، ފެނަކަ އަދި ސްޓެލްކޯގެ ޗެއާމަންކަން ފަދަ މަގާމުތައް އަދާކުރައްވައިފައެވެ.

މީގެ އިތުރުން ޔޫތު މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވަންދެން އަދާކުރެއްވި ނަޒީމް އަކީ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ނައިބު ރައީސެވެ. މީގެ ކުރިން އޭނާ ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އަދާކުރައްވާފައެވެ.