މާލެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކްގެ އިސް ދިވެހި މީހާ ކަމަށް ބެލެވޭ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ބަނގުރާ ނެޓްވޯކް ހައްޔަރުކުރުން: 58 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
ބަނގުރާ ނެޓްވޯކް ހައްޔަރުކުރުން: 58 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ކޯޓުން އަމުރުން އެނގޭ ގޮތުގައި ހ. މާދޫގޭގައި ހިންގާ އޮފީހެއްގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ މައްސަލައިގައި ހައްޔަރުކުރީ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް އެވެ. އެގޭގެ ދެ ފްލޯއެއްގައި ބަނގުރާ ރައްކާކޮށްގެން މާލެތެރެއަށް ސަޕްލައިކުރާ މައްސަލާގައި މީގެ ކުރިން ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެ ތިން މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަދި ދެ މީހަކު 5 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

ބަނގުރާ ސަޕްލައިކޮށްދޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ބިދޭސީން

ރަޝްވާނަކީ މާދޫގޭގައި ބަނގުރާ ސްޓޮކް ރައްކާކޮށްފައި ހުރި އޮފީހުގެ މެނޭޖިން ޑިރެކްޓަރެވެ. އަދި ބަނގުރާ ވިއްކާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ތިން ބިދޭސީންގެ ތެރެއިން ރަޝްވާންގެ ދެ މުވައްޒަފުން އިންވެސްޓިގޭޝަން އޮފިސަރަށް ކިޔައިދީފައިވާ ގޮތުގައި އެ މީހުން އެ ކަން ކުރަމުންދިޔައީ ރަޝްވާން އަންގައިގެންނެވެ. ނަމަވެސް ބަންދު އަމުރުގައިވާ ގޮތުން ރަޝްވާންގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރުކޮށްފައި ވާއިރު، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ރަޝްވާންގެ ފަރާތުން އެދުނަސް ބަންދު މަޖިލީހުގެ ގާޒީ ނިންމެވީ އެ ފުރުސަތު އޭނާއަށް ނުދިނުމަށެވެ.

އެހެންކަމުން އެ މައްސަލައިގެ ތަހުގީގަށް ރަޝްވާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.