ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވުމަކީ، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސް މުޢިއްޒުގެ މެސެޖުގައި ވަނީ ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން، ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި، ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށް ވިދާޅުވެފައެވެ. އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު ހަނދާން ކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނޭ ކަމެއް ކަމުގައިވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް، އިމްޕޯޓްކުރުމާނުލައި، މި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށެވެ. މިގޮތުން މި ރޮނގުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށާދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެ މަނިކުފާނުގެ ޢަޒުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދަނޑުވެރިންގެ ދުވަހު އުފާވެރި މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި ޢާއިލާތައް އަދި އެ ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި ހެޔޮ އެދުން އަރިސްކުރައްވާފައެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރަކީ "އީޖާދުން، މާދަމާގެ ދިރުން" މި އެވެ. ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރާތާ 17 އަހަރު ފުރުނުއިރު، އެންމެ ފުރަތަމަ ރާއްޖޭގައި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2009 ވަނަ އަހަރުއެވެ.