ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ ހަފުތާގައި ޕާކިސްތާނަށް ރަސްމީ ދަތުރެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޕާކިސްތާނުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20-22 އަށެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަހު، ޕާކިސްތާނަށް ރާއްޖޭގެ ރައީސަކު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަންނަވަން ހަމަޖެހިފައި މި ވަނީ ގާތް ގަނޑަކަށް 10 ވަރަކަށް އަހަރަށް ފަހުއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާވެސް ވަކިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެެވެ. މީގެ އިތުރުން އެ ދަތުރުގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތައް އެކުލަވާލައި ސޮއިކުރާނެ ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.

ރައީސްގެ މި ދަތުރުފުޅާ ގުޅޭ ގޮތުން އެމަނިކުފާނުގެ އޮފީހުން އަދި ރަސްމީކޮށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.