މި ސަރުކާރުން މިގެންދަނީ ދިވެހިން ކަނުބަނދެވި، ތިބެ އަނދަވަޅަކާއި ދިމާއަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖެ މިއަދު މިވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދު ހަލާކުވުމުގެ މަގުމަތީގައި ވާތަން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ފެންނަމުންދާކަން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވަނީ ބާޒާރުގައި ޑޮލަރުގެ އަގު ހުރި ގޮތުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާކަން ފާހަގަކުރައްވާފައެވެ.
ވިޔަފާރިތަކަށް ބިލުތައް ދެއްކުމާއި މުދާ އެތެރެ ކުރުމުގައި ދަތިތަކާއި، ކުރިމަތިވެފައިވާ ކަމަށާއި ވިޔަފާރިތަކަށް ލިބޭ ފައިދާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ބުނުމަށްފަހު، 20 ޕަސެންޓާއި 40 ޕަސެންޓް މާރުކުރުމަށް ބަދަލުކޮށް، އެކަން ނުވުމުން ބޭރުގެ ޓުއާ އޮޕަރޭޓަރުން ލައްވާ ޖީއެސްޓީ ދައްކުވަން އުޅުމުން ވެސް އެއްވެސް ފައިސާއެއް ނުލިބުނު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއްގެ އެއްބަސްވުމަކީ ކޮބައިކަމާއި، ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންގެ މަޖިލީހަށް ވެސް ސާފުނުވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެެވެ.