ދިވެހިރާއްޖޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސުލްގެ އޮފީސް ބަންދުކުރުމާ ގުޅިގެން އެ އޮފީހުގެ ޚިދުމަތް އަލުން ފަށައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

ކުޑޫ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ރާއްޖޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސުލްގެ އޮފީސް ކުއްލި ގޮތަކަށް ހިންގުން ހުއްޓާލައި ބަންދުކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކުޑޫ ވިދާޅުވީ ޖަރުމަނުވިލާތާއި ރާއްޖެއާ ދެމެދު 1966 ވަނަ އަހަރުން ފެށިގެން ވަރުގަދަ ބައިލެޓަރަލް އަދި ޑިޕްލޮމެޓިކް ގުޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި، ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށާއި އިޤްތިޞާދީ ތަރައްޤީއަށް ޖަރުމަނުވިލާތަކީ އަބަދުވެސް އެންމެ އިސް ދައުރެއް އަދާކުރާ ޤައުމު ކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމީ ޓޫރިޒަމް ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖަރުމަނަކީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޔޫރަޕްގެ ޤައުމު ކަމަށާއި، ކޮންމެ އަހަރަކުވެސް 130,000 އާއި 160,000 އާ ދެމެދުގެ ޢަދަދަކަށް ޖަރުމަނު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށާއި، މިދިޔަ އަހަރު އެކަނިވެސް 167,822 ޖަރުމަނު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ކުޑޫ ވިދާޅުވިއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 7.5 އިންސައްތަ ކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. އަދި ޖަރުމަނުގެ އެތައް ޖީލެއްގެ ފަތުރުވެރިންނަށް ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ޗުއްޓީ ހޭދަކުރުމަށް އެންމެ ލޯބިކުރާ އެއް މަންޒިލުކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މާލޭގައި ޤާއިމުކޮށްފައިވާ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސުލްގެ އޮފީހަކީ ދެ ޤައުމުގެ ދެމެދުގައި ކޮންސޫލަރ މުހިންމު ކަންކަމުގައި ފާލަމެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އޮފީހެއް ކަން ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި، ވިޔަފާރިވެރިންނާއި، އަދި ރާއްޖޭގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންނަށް އެ އޮފީހުން ވަރަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުން ދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މިހާރު އެ އޮފީސް ވަނީ ވަކިގޮތެއް އަންގަންދެން ބަންދުކޮށްފައި ކަމަށާއި، މި އޮފީސް ބަންދުކުރުމާ ގުޅިގެން ރާއްޖެއަށް އަންނަ ޖަރުމަނު ފަތުރުވެރިންނަށް އެހީތެރިކަމަށް އެދުމަށް ލަފާދީފައިވަނީ، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ޖަރުމަނު އެމްބަސީއަށް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

ކުޑޫގެ ސިޓީގައި އިތުރަށް ވިދާޅުވީ، ކޮލޮމްބޯގައި ހުންނަ ޖަރުމަނު އެމްބަސީން ޢާންމުކޮށް ހާމަކޮށްފައިވާގޮތުގައި، ރާއްޖޭގައި އެ ޤައުމުގެ ރަސްމީ މަންދޫބަކު ނެތުމުގެ ސަބަބުން، އޮން-ސައިޓްކޮށް (ރާއްޖޭގައި ތިބެގެން) ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން، ހަމައެކަނި މަޝްވަރާ ދިނުމުގެ ޚިދުމަތްތަކަށް ހަނިވެފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ކޮންސޫލަރ އެހީތެރިކަމެއް ލިބެން ނެތްކަން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން މިހާރު ވިސްނަންޖެހިފައިވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.

ޢާންމު މަސްރަހުތަކާއި ރިޕޯޓުތަކުން އެނގޭގޮތުގައި، މި ޙާލަތު މެދުވެރިވީ ސިޔާސީ ސަބަބުތަކަކަށްޓަކައި، ޖަރުމަނުގެ މިހާރުގެ އޮނަރަރީ ކޮންސުލްގެ މަޤާމުގެ ކެންސަލްކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމާ ގުޅިގެން ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ. މިކަން މިހެން އޮތްނަމަ، ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އަދި މުހިންމު ބައިވެރިއެއް ކަމުގައިވާ ޖަރުމަނުވިލާތާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅުމަކީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތާ އެއްގޮތަށްވާ ކަމެއް ނޫން ކަމުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާ ޖަރުމަނާ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމާއި، އިޤްތިޞާދީ އެއްބާރުލުމާއި، ޑިޕްލޮމެޓިކް ތާރީޚަށް ބަލާއިރު، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ކޮންސޫލަރ ޚިދުމަތްތަކަށް އަދި ބައިނަލްއަޤްވާމީ ގުޅުންތަކަށް ހުރަސްއެޅޭފަދަ ޖާގަތައް އުފެދުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައިވެސް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން މި މައްސަލައަށް ޚާއްޞަ އިސްކަމެއްދެއްވައި، ފޮރިން މިނިސްޓްރީން ޖަރުމަނުވިލާތާއެކު މިކަމުގައި ހުޅުވާލެވިފައިވާ ޑިޕްލޮމެޓިކް މަޝްވަރާތަކެއް ކުރިއަށް ގެންދަވައި، ދެމެދުގައި އޮތް ހުރަސްތައް ނައްތާލައި، މާލޭގައި ފުރިހަމަ ކޮންސޫލަރ ޚިދުމަތްތައް އަލުން އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ކުޑޫގެ ސިޓީގައި ވަނީ ގޮވާލައްވާފައެވެ.