އެއްގަމު ދަތުރުފަތުރުގެ 93 ވަނަ މާއްދާގެ ދަށުން އެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
މިކަން ހާމަކޮށް އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނުގައި ބުނީ، މިއަދުން ފެށިގެން 7 ދުވަހުގެ ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެ ކަމަށެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެ ވުޒާރާއިން ނެރުނު އިއުލާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ޤަވާޢިދާ ޚިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެ މަޢުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ޙިއްޞާކުރާނެ ކަމަށް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ. އެ ވުޒާރާއިން ވަނީ އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސީދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް އަންގާފައެވެ.
މާލެ އަދި ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުޙަލާގައި ޚާއްޞަ އިސްކަމެއް ދީގެން ބަލާނެ ސަރަޙައްދުތަކާއި މަގުތައްވެސް މިހާރު ކަނޑައަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ. އެ ވުޒާރާއިން ބުނީ އެ ސަރަހައްދުތަކުގެ ތެރޭގައި ހޮސްޕިޓަލުތަކާއި، ސްކޫލުތައް ހުންނަ ސަރަޙައްދުތަކާއި، ކަފިހި ހުރަސްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ޚާއްޞަކޮށްފައިވާ ސްލޮޓުތައް ހިމެނޭ ކަމަށެވެ. އަދި މާލޭގެ މައި މަގުތަކުގެ ތެރެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގުގައި ޤަވާޢިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު އަދި ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައި މި ނިޒާމު ތަންފީޒުކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.