މިފަހަކަށް އައިސް އެކްސިޑެންޓުތަކުގެ މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޓްރެފިކް ޕޮލިހުން ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ކޮމިޓީއަށް ހާޒިރުކުރަން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވި އިރު އެ ހުށަހެޅުމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއާއި ފޭދޫ ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރު ވަނީ ތާޢީދު ކުރައްވާފައެވެ. އަދި ޖުޑިޝަރީ ކޮމިޓީއަށް ފުލުހުން ހާޒިރުކުރަން ފާސްކުރީ، ކޮމިޓީގެ އިއްތިފާޤުންނެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، އެއްގަމު ދަތުރުފަތުރާ ގުޅުންހުރި ސިޔާސަތުތައް ކަނޑައެޅުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، އެކްސިޑެންޓުތައް މަދުކުރުމަށާއި، ދަތުރުފަތުރާ ގުޅުންހުރި ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ނާޒިލް ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ދުއްވުން ޢާންމުވުމަކީ، އެކްސިޑެންޓުތަކަށް މަގުފަހިވާ އެއް ސަބަބުކަމަށާއި، ނުބައި ފަޅިން ދުއްވިޔަސް މަގުމަތީގައި ހުންނަ ޓްރެފިކް ފުލުސް މީހާވެސް އަޅާނުލާ ކަމަށެވެ. އެ ހާލަތުގައި ކަން އޮތްކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ ޓްރެފިކަށް ނެރޭ މީހާއަށް އެ ވަރު ކިޔާ ނުދެވޭނަމަ އެއީ މައްސަލައެއް ކަމުގައެވެ.

މީގެ އިތުރުން އެ ކޮމިޓީގައި ވާހަކަ ދެއްކެވި އެހެން ބައެއް މެމްބަރުން ވަނީ، ޤާނޫނުތަކަށް ބޯ ނުލެނބުމަކީ އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވާ ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރުވެސް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށާއި ފަރުދީ ޒިންމާ އުފުލާ، ނުރައްކާތެރިކޮށް ދުއްވާ މީހުންނާމެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.