މާލޭގައި ހުންނަ ޖަރުމަނުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ޖަރުމަނުވިލާތަކީ 60 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށާއި، އެ ޤައުމާއެކު އޮތް ގުޅުމުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުން ފަދަ ދާއިރާތަކުން ކުރިއެރުންތައް ލިބިގެން ގޮސްފައިވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކެނޑިނޭޅި މަސައްކަތްކޮށްގެން، ޖަރުމަނުވިލާތުން އަބަދުވެސް ބޭއްވި ގާތް ރަހުމަތްތެރިކަން ފާހަގަކޮށްފައެވެ.

ޖަރުމަނުވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓެވެ. އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ވަރަށް ގިނަކަން ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާއެކު، ފަތުރުވެރިންގެ ޔަޤީންކަން ރާއްޖެއަށް ކުޑަވެގެން ދިޔުމުގެ ބިރު އެބަ އޮތްކަމަށެވެ.

މީގެއިތުރުން ކޮންސިއުލޭޓް ބަންދުކުރުން ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާތީ އެކަމާ ހިތާމަކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ޕާޓީން ތުހުމަތުކުރި ގޮތުގައި، މިއީ ޒަމާނުއްސުރެ ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ހެއްކެކެވެ. އަދި ވީ އެންމެ އަވަހަކަށް މާލޭގައި ކޮންސިއުލަރ ހިދުމަތްތައް އަލުން ފެށުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.