ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން ޓަވަރުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، އެ ތަންތަން ހުސްކުރަން އެ ކޯޕަރޭޝަނުން އަންގައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިން ޔުނިޓު ހަވާލުކުރުމުގެ ކުރިން އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެ ޔުނިޓުތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމާ ގުޅިގެން ކަމަށެވެ. އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދެވުނު ކަމަށާއި، މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެފްޑީސީން ބުނީ މި ނޯޓިސްތައް ފަހި ޕޯޓަލް މެދުވެރިކޮށާއި، އެސްއެމްއެސް އާއި އީމެއިލްގެ އިތުރުން ލިޔުމުން ވެސް ހަވާލުކޮށްފައިވާނެ ކަމަށެވެ.
ފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ ފުރުސަތުތަކެއް ދިނުމަށްފަހު ވެސް، ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް ހަވާލުކުރުމަށް މިހާރު އަންގާފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. އެފްޑީސީން ބުނީ އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން އެ ފަރާތްތަކަށް ފަހި ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް މިހާރު ކަނޑާލައިފައިވާ ކަމަށެވެ.
މިއީ އެންމެހައި ފަރާތްތަކުގެ މައްޗަށް އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒުކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށާއި، ހައުސިން ޔުނިޓުތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތައް ދެމެހެއްޓުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އެފްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އެފްޑީސީން ވަނީ އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާއި އެއްގޮތަށް ގަވާއިދުން ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.