ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އެނގޭނޭހެން އަގު ނުޖަހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ، ފިހާރަތަކާއި އެހެނިހެން ވިޔަފާރި މަރުކަޒުތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި ކަސްޓަމަރުންނަށް ފަސޭހައިން އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް މެދުކެނޑުމެއްނެތި ލިބެމުންދާ ކަމަށެވެ.
މިގޮތުން، މުދާ ގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، ވިޔަފާރީގެ މާހައުލު ހަރުދަނާކުރުމަށްޓަކައި އެފަދަ އަމަލުތައް ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ މީހާއަށް ސާފުކޮށް އެނގެން ނެތް ގޮތަކަށް އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި ޤާނޫނުގައިވާ ގޮތުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ ސީދާ އެ މުދަލެއްގައި އަގު ލިޔެ، ޕްރިންޓްކޮށް ނުވަތަ ލޭބަލް ހަރުކޮށްފައި ހުރުމުން، ނުވަތަ މުދާ ބަހައްޓާފައި ހުރި ހަރުގަނޑުގައި ނުވަތަ ތަނުގައި، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް އޮޅުންނާރާނޭ ފަދަ ސާފު ގޮތަކަށް އަގު ބަޔާންކޮށްފައި ހުރުމުން ކަމަށެވެ.
މިނިސްޓްރީން ވަނީ، ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މުދަލުގެ އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް ހުރިހާ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ވިޔަފާރިތަކުން މި އުސޫލުތަކަށް ބޯލަނބާތޯ ކަށަވަރުކުރުމުގެ ގޮތުން، ކަމާބެހޭ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް، މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ވަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމަށް އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކޮށް، ޤާނޫނާއި ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.