ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އެ ނޫޓުގެ އައު ސްޓޮކެއް ގެނެސްފިއެވެ.

މަރުކަޒީ ބޭންކުން ނެރެފައިވާ ބަޔާނުގައި ވަނީ އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، މިއަދު ގެނައި 5 ރުފިޔާގެ އައު ސްޓޮކަކީ، 2017 ވަނަ އަހަރު 5 ރުފިޔާގެ ނޫޓު ތައާރަފުކުރި ފަހުން މި ނޫޓު އަލުން ޗާޕުކޮށްގެން ގެނައި ފުރަތަމަ ސްޓޮކް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

5 ރުފިޔާގެ ނޫޓަކީ ވިޔަފާރި މުއާމަލާތްތަކުގައި ވިޔަފާރިތަކުން ގިނަ އަދަދަކަށް ބޭނުންކުރާ ނޫޓެއް ކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ އެހެންނަމަވެސް މި ނޫޓަކީ ބޭންކުތައް މެދުވެރިކޮށް މި އޮތޯރިޓީއަށް އަނބުރާ ޖަމާކުރާ މިންވަރު ވަރަށް ދަށް ނޫޓެއް ކަމަށެވެ. އެހެންކަމުން މި އޮތޯރިޓީން ކޮންމެ އަހަރަކު އާންމުންނާއި ބޭންކްތަކަށް މި ނޫޓު ގިނަ އަދަދަކަށް ދޫކުރަމުންދާ ކަަމަށެވެ.

އަލުން ޗާޕުކޮށްގެން ގެނެސްފައިވާ 5 ރުފިޔާގެ ނޫޓު 15 އޮކްޓޫބަރު 2026 އިން ފެށިގެން، ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައިވެއެވެ. މި ނޫޓުގައި ސޮއިކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ. އަދި މި ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025 އެވެ.

5 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށާއި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު ކަމަށް އެމްއެމްއޭއިން ބުނެއެވެ.