ގާނޫނު ހަދަނީ ބިރުދައްކަން ކަމަށާއި އެހެންނޫނީ އުޅޭނީ ހިތުހުރޮ ގޮތަކަށް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް ލިބޭ އިޚްތިޔާރުތައް ފުޅާކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހުއެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ހެދިފައި ހުންނަ ގާނޫނުތަކަށް ބިރުގަންނަން ޖެހޭނެ ކަމަށެވެ. އަދި ބިރު ނުގަންނަ ނަމަ އެންމެން ހިތު ހުރި ގޮތަކަށް އުޅެންވީ ނޫންތޯ އިބްރާހިމް ދީދީ ވަނީ ސުވާލު އުފައްދަވާފައެވެ.

މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ މިހާތަނަށް ދިވެހިރާއްޖޭގައި ކަންތައްތައް ދިޔަ ގޮތަކީ ކޮންމެ ވެރިކަމެއްގައި ވެސް ދައުލަތް ބަނގުރޫޓު ކޮށްލުން ކަމުގައިވީ ނަމަވެސް އެއިން އެއްވެސް މުދަލެއް އަތުނުލެވޭ ކަމަށެވެ.

އިބްރާހިމް ދީދީ ވިދާޅުވީ، ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ގާނޫނާ ހިލާފުވާ މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދެން ޖެހޭނެ ކަމަށާއި، ގާނޫނާ ހިލާފު ނުވާ މީހުންނަށް އެއްވެސް ބިރެއް ނެތް ކަމަށެވެ.

ޖިނާއީ ކުށްތަކަށް އަރައި ނުގަންނަ މީހުންނަކަށް ބިރެއް ނެތް. ވައްކަމާއި، ޓެކުހާއި، ހިޔާނާތާއި، މީހުންގއ މުދަލަށް އަރައިގަންނަ ފަރާތްތަކަށް ބިރެއް މިއީ، ޖިނާއީ އިޖުރައާތުގެ ގާނޫނަކީ އަބަދުވެސް، އެހެންވީމާ މި ކުށްތަކުން މީހުން ދުރުވަނީ. ބިރު ނުގަންނަ ގޮތަށް އޮވެގެން ކިހިނެއްތޯ ދުރުވާނީ؟"

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ

އިބްރާހިމް ދީދީ ވިދާޅުވީ، ވެރިކަމުގައި މިހާރު ތިބި ބޭފުޅުންނަށް ފަހުން އަދަބު ލިބިދާނެތީއޭ ކިޔައި ގާނޫނަށް އިސްލާހު ނުގެނެސް ހުރެގެން ނުވާނެ ކަމަށާ އެ ގާނޫނު ތަކަށް އިސްލާހު ގެނެވެން ޖެހޭނެ ކަމަށެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން މި ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅާ މައިގަނޑު ބޭނުމަކީ ޖިނާއީ މައްސަލަ ތަކުގައި ހެކި ހާމަކުރުމާއި ގުޅޭ އުސޫލުތައް މުރާޖާ ކުރުމާއި ކުށް ކޮށްގެން ހޯދާ މުދަލާއި ގުޅޭ ބިލާއި ގުޅިގެން ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް އެ ބިލު ހުށަހެޅުއްވި މެމްބަރު، މަމްދޫހު ވިދާޅުވިއެވެ.

މި ބިލް ހުށަހެޅުމުގެ މަޤްސަދަކީ ދައުލަތުންނާއި ދައުވާލިބޭ ފަރާތުން ހާމަކުރަން ޖެހޭ މައުލޫމާތުގެ ދާއިރާތައް އިތުރަށް ސާފުކޮށް ތަހުގީގީ އަދި ގާނޫނީ މައްސައްކަތުގެ ސިއްރު ހިފެހެއްޓޭނެ ގޮތްތައް ކަނޑައެޅުމެވެ. މީގެ އިތުރުން ދައުލަތުންނާއި ދައުވާލިބޭ ފަރާތުން ރައްކާތެރި ކުރުމުގެ އަމުރަކަށް ކޯޓައް އެދެވޭނެ ހާލަތްތައް އިތުރަށް ބަޔާންކޮށް އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެ ނުވަތަ ގެއްލުމެއް ލިބިދާނެ ހެކިތައް ހާމަކުރުމުން ރައްކާތެރި ކުރުމުގެ އިހްތިޔާރު ކޯޓަށް ލިބެއެވެ.

ބިލުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށް ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް ދައުލަތަށް އެދެވިދާނެ ޙާލަތްތައް ފުޅާކުރުމަށެވެ.