ފަހު މުޙުލަތެއްދީ މާރުކޭޓް އަޅާ ސަރަޙައްދު މާދަމާގެ ނިޔަލަށް ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ކޮންޓްރެކްޓަރަށް ދީފައިވާ މުޙުލަތުގައި މަސައްކަތް ފެށުމަށް ދަތިވެފަވާތީ ކޮންޓްރެކްޓަރުގެ ޝަކުވާ ލިބެމުންދިޔަ ނަމަވެސް މިހާތަނަށް އެކަން ނުފެށި ވަނީ، ކައުންސިލުން ބިން ހުސްކޮށްނުދީގެން ކަމަށެވެ.
އެގޮތުން މާލެ ތައިސޭ ކޮށި ބިއްދޮށުން އޮތް ބިމުގައި، ވަގުތީ މާރުކޭޓެއްގެ ގޮތުގައި ލޯކަލް މާރުކޭޓް ހަދާ، އެތަނުން ވަނީ ގޮޅި ދީފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި އިމާރާތްކުރާ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށް، މިއީ 126.4 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
އިމާރާތް އަޅަން ހަމަޖެހިފައިވަނީ 15،525 އަކަފޫޓުގެ ޖާގައިގައި ކަމަށް ވީއިރު ހުރިހާ ފަންގިފިލާތައް ހިމެނޭހެން އިމާރާތުގެ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑެވެ.
އިމާރާތުގެ އެންމެ ތިރި، (ބޭސްމަންޓް) ތަރައްޤީކުރަނީ 400 ސައިކަލަށް ޕާކު ކުރެވޭ ޖާގައާއެކުއެވެ. އެންމެ މަތީ ފަންގިފިލާ ތަރައްޤީކުރަނީ ކެފޭ/ރެސްޓޯރަންޓްގެ ކޮންސެޕްޓަށް ފުޑް ކޯޓެއްގެގޮތުގައެވެ.ސަރުކާރުގެ ޢަމާޒަކީ މި މަސައްކަތް 1 އަހަރާ 8 މަސް ތެރޭގައި ނިންމުމެވެ.