ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް މި މަހުގެ 29ވަނަ ދުވަހު އިއްވާ ގޮތަށް އަޑުއެހުން ތާވަލުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ނިމިގެން ހުކުމް ކުރުމުގެ ކުރިން، މައްސަލައިގައިި ހިމެނޭ ހުރިހާ ހަސްމުން ފަހު ބަސް ބުނާ ބަޔާން އިއްވައި ނިމުމުން ދެން އޮންނާނީ ހުކުމްކުރުމެވެ.
ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުންގެ ޚުލާސާ ބަޔާން އިއްވައި ނިންމާލުމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ނިމިފައިވާކަން އިއުލާންކުރައްވާފައެވެ. އަދި އިއްޔެގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ.
ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ އެމަނިކުފާނުގެ މައްޗަށް އެ ދައުވާ ކުރުމުގެ އެއްވެސް އަސާސެއް ނެތް ކަމެވެ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންއާ ދެކޮޅަށް މައިގަނޑު ހެއްކެއްގެ ގޮތުގައި ތިބީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. އެ ދެ މީހުންގެ ހެކިބަހުގެ ސައްހަކަމާ މެދު ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ. ޔާމީން ވިދާޅުވީ އަދީބަށް ލުއިދީ، ދައުލަތުން ހެދި އެއްބަސްވުމަކީ މި މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް އޭނާގެ ފަރާތުން ބަޔާން ހޯދުމަށް ކުރި ކަމެއް ކަމަށެވެ.
ހަ ފަރާތެއްގެ މައްޗަށް ފުރަތަމަ ތުހުމަތުކުރި މި މައްސަލާގައި ޔާމީން ފިޔަވައި އެންމެން ވަނީ ސަލާމަތްވެފަ އެވެ. އެގޮތުންޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. މި މައްސަލާގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށް ވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ސަން ކޮންސްޓްރަކްޝަން އާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާތައް ދަށު ކޯޓުގައި ސާބިތުނުވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްނުކޮށް މައްސަލަ ދޫކޮށްލަން ޕީޖީން ނިންމިއިރު ކްލެސިކް ހޯލްޑިންސްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ، ރިސޯޓްގެ ހިއްސާތައް އެހެން ކުންފުންޏަކަށް ވިއްކާލިއިރު ރަށް އަތުލުމުގެ އެއްވެސް ކަމެއް ނުހިނގައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ބިޑަކާ ނުލައި 1.55 މިލިއަން ޑޮލަރަށް ފުއްގިރި ދޫކުރީ ޔޫއޭއީގައި ރަޖިސްޓްރީކޮށްފައިވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. ބައިނަލްއަގުވާމީ ގޮތުން ލީކުވި "ޕެންޑޯރާ ޕޭޕާސް" ގެ ލިޔުންތަކުން ހާމަވާ ގޮތުގައި، މި މުއާމަލާތުގެ އަޑީގައި ތިބީ އިންޑިއާގެ ނުފޫޒުގަދަ ދެ ވިޔަފާރިވެރިން ކަމަށްވާ ޕްރޮޕަޓީ ޑިވެލޮޕަރު އަވިނާޝް ބޮސާލޭ އަދި ލޮޖިސްޓިކްސް ވިޔަފާރިވެރިޔާ އަމިތު ކުމާރު ގާންދީއެވެ.
ދައުލަތުން ތުހުމަތުކުރަނީ މި ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ބޮޑެތި އަދަދުތަކުން ރިޝްވަތު ބަދަލުކޮށްފައިވާ ކަމަށެވެ.