މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ޤަޞްރު / ކ. މާލެ، (41އ) ޠަލާލް މުޙައްމަދު އަދި ނައިޓްރޯސް / މ. މުލި، (46އ) އަޙްމަދު ޢުބައިދުއެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ދެ މީހުންގެ މައްޗަށް ތުހުމަގު ކުރެވެނީ، އޮކްޓޫބަރު 8 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެގަނެ، އެތަނުގައި ތިބި މީހުން ހުއްދަނޫން ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ މައްސަލައިގައި ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.