ހުއްދަނެތި ބޮޑުއަގުގައި ބޭރުފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކުރީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްގެ ތިން މީހުން ކަމަށްވާ އާމިރު ޙުސައިން އާއި އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން އެވެ. އެމީހުން އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވަނީ މި އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރުވެސް ކުރިއަށްގެންދާ ކަމަށާއި، އެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރަމުން ގެންދިއުމަށް ފުލުހުން ވަނީ އެދިފައެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.