ސިވިލް ސަރވިސްއަށް މުވައްޒަފުން އައްޔަނުކުރުމުގެ ނިޒާމު، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދެފުއްފެންނަ ގޮތެއްގައި ކުރިއަށްގެންދެވޭނެ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ސީއެސްސީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ، އެ ކޮމިޝަންގެ ޚިދުމަތްތައް ދެފުއްފެންނަ ގޮތެއްގައި ދިނުމަށް ގިނަ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން ޝަކުވާ ހުށައެޅުމަށް އޮންލައިން ކޮމްޕްލެއިންޓްސް މޮޑިއުލްއެއް ޤައިމުކޮށް ޖަވާބުދާރީ ވެވޭނެ ނިޒާމެއް ޤާއިމުކޮށްފައިވާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން ވަޒީފާ ދިނުމުގެ ބައިތަކުގެ ތެރެއިން، ވަޒީފާއަށް ވަންނައިރު ހަދާ ޓެސްޓްތައް އޮންލައިންކޮށް ހެދޭނެ ނިޒާމެއް ޤާއިމުކުރަމުންދާކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ކުރާނީ ވަރަށް ބޮޑަށް ދެފުއްފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުން 2025ވަނަ އަހަރު ސިވިލް ސަރވިސްގެ ވަޒީފާއަށް އަލަށް 4370 މީހުން ގުޅިފައިވާއިރު، އެއް ވަޒީފާއިން އަނެއް ވަޒީފާއަށް 415 މީހުން ބަދަލުވެފައިވެއެވެ. އަދި 1935 މީހުންނަށް ޕްރޮމޯޝަން ލިބިފައިވާއިރު، ވަޒީފާއިން ވަކިވި މުވައްޒަފުންގެ އަދަދު 1506އަށް އަރާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.