މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަ މަސް ގަންނަ އަގުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިފްކޯއިން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވާގޮތުން، އެ ކުންފުނީގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ގަންނަނީ ތިން ރޭޓެއްގައެވެ. އަދި މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން މަހުގެ އަގަށް ގެނައި ބަދަލުތައް:
1 - 5 ޓަނާ ދެމެދު: ކިލޯއެއް 21 ރުފިޔާ
- 5 – 8 ޓަނާ ދެމެދު: ކިލޯއެއް 22 ރުފިޔާ
- 8 ޓަނަށްވުރެ މަތި: ކިލޯއެއް 22.75 ރުފިޔާ
މިފްކޯއިން ބުނީ މި ރޭޓުތަކުގައި ގދ. ތިނަދޫ ބަނދަރުންނާއި، ޅ. ފެލިވަރު ބަނދަރުންނާއި، ހއ. އިހަވަންދޫ ބަނދަރުންނާއި، ލ. ހިތަދޫ ބަނދަރުންނާއި، މ. މުލަކު ބަނދަރުން މިއަދު މަސް ގަންނަމުންދާނެ ކަމަށެވެ.
މިފްކޯއިން މަސް ގަންނަ އަގުތަކަށް އިތުރު ބަދަލުތަކެއް ގެނެސްފައިވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، މަހުގެ ސަޕްލައިއާއި ޑިމާންޑަށް ރިއާޔަތްކޮށް، ފޭސްތަކަކަށް ބަހާލައިގެން މަސް ގަންނަ އަގަށް މީގެ ކުރިންވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، މިދިޔަ ޖޫން މަހު ކިލޯއެއްގެ އަގު -/20 ރުފިޔާއަށް އަދި އޮގަސްޓް މަހު -/21 ރުފިޔާއަށް މަތިކުރުމަށްފަހު، ސެޕްޓެމްބަރު 2026 ގައި ކަޅުބިލަމަސް ގަންނަ އަގު ވަނީ ކިލޯއެއް -/22 ރުފިޔާއަށް ބޮޑުކޮށްފައެވެ.