މަގުމަތީގެ އަމާންކަން ގެއްލޭގޮތަށާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ ފަރާތްތައް ޕްރޮފައިލްކޮށް، ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދިނުމުގެ މަސައްކަތުގެ ތެރެއިން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފިއެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ މީހަކު ހާޒިރުކޮށް ނަސޭހަތްދީފައިވަނީ އިއްޔެއެވެ.

ފުލުހުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުލުހަށް ހާޒިރުކޮށް ދިވެހި ހަތަރު ފިރިހެނަކަށް ނަސޭހަތާއި އިންޒާރު ދީފައިވާ ކަމަށެވެ. އެއީ 18 އަހަރާއި 20 އަހަރުގެ ދެ މީހުން އަދި 22 އަހަރުގެ މީހެކެވެ.

އެގޮތުން، 18 އަހަރުގެ މީހާއަކީ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވުމާއި، މަގުތަކުގައި ޒިގްޒެގްކޮށް މަގު ހުރަސްވާގޮތަށް ބާރު ސްޕީޑުގައި ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުގެ އިތުރުން، އުޅަނދަށް ދޫކޮށްފައިވާ ނަންބަރު ނޫން އެހެން ނަންބަރެއް ހަރުކޮށްގެން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، 20 އަހަރުގެ އެކަކީ ވަންވޭއާ ހިލާފަށް ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވުމާއި، އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމާއި، ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ގަވާއިދާ ހިލާފަށް ދުއްވުމުގެ އިތުރުން ސްޓިކާގެ އަދަދު ހަމަވެފައިވަނިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.

މީގެއިތުރުން، 20 އަހަރުގެ އަނެއް މީހާއަކީ، ގަޑިއަކު 106 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، އަހަރީ ހަމަވެފައިވަނިކޮށް ދުއްވުމާއި އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހަތަރު މައްސަލައާއި އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވުމާއި ނުރައްކާތެރިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަސް ފުލުހުން މައުލޫމާތުދެއެވެ.

އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ 22 އަހަރުގެ މީހާއަކީ އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، އިންޝުއަރެންސް، ރޯޑްވާދިނަސް އަދި އަހަރީ ފީ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވުމާއި، ސައިކަލު ދުއްވަމުން މުވާސަލާތީ ވަސީލަތް ބޭނުންކުރުމާއި، ގަޑިއަކު 83 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، ސައިލެންސަރު އަޅުވައިގެން ދުއްވުމާއި، މަނާ ތަންތަނުން ޔޫޓާން ނެގުމާއި، ރަޖިސްޓްރީ ކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ހުއްދަނެތި ދުއްވުމުގެ އިތުރުން، ސައިލެންސަރުން އަޑުގަދަކޮށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބަދަލު ގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ކުރަމުންދާނެ ކަމަށާއި، މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.