އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133.5 މިލިއަން ރުފިޔާގެ ބަޖެޓް، އެ އޮފީހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް އޮޑިޓު އޮފީހުން ހުށަހަޅާފައި ވަނީ 133,590,265 (ސަތޭކަ ތިރީސް ތިން މިލިއަން ފަސް ލައްކަ ނުވަދިހަ ހާސް ދުއިސައްތަ ފަސްދޮޅަށް ފަސް) ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 43.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މި މައްސަލައާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލް ހުށަހެޅުއްވި ގޮތަށް ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. މަމްދޫޙްގެ ހުށަހެޅުއްވުމުގައި ވަނީ އެ އޮފީހުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 90،900،265 (ނުވަދިހަ މިލިއަން ނުވަލައްކަ ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާ، އަދި ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތަށް 43،500،000 (ސާޅީސް ތިން މިލިއަން ފަސްލައްކަ) ރުފިޔާ ހިމެނުމަށެވެ.
މާލިއްޔަތު ކޮމިޓީގެ ޖަލްސާގައި މަމްދޫހުގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފްއެވެ. އަދި އެ އަދަދަށް ބަޖެޓު ފާސްކުރުމަށް ނިންމާފައި ވަނީ ކޮމިޓީގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ބަޖެޓުން ހަރަދުކުރުމަށް ނިންމާފައިވާ ކަންކަމުގެ ތަފްސީލު ހިއްސާކުރައްވަމުން، އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ، އަންނަ އަހަރު ޖުމްލަ 394 އޮޑިޓު ހިންގުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނުނިމި ހުރި އޮޑިޓުތަކުގެ މަސައްކަތްތައްވެސް ހިމެނޭކަން ފާހަގަކުރައްވާ މި އަހަރަށް މަޖިލީހުން އޮޑިޓު އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މިހާތަނަށް 56.9 މިލިޔަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި އަހަރު ނިމޭއިރު އިތުރު 45 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ބާކީ 31 މިލިއަން ރުފިޔާ ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.