ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް ލިބޭ އިޚްތިޔާރުތައް ފުޅާކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު އެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން މި ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅާ މައިގަނޑު ބޭނުމަކީ ޖިނާއީ މައްސަލަ ތަކުގައި ހެކި ހާމަކުރުމާއި ގުޅޭ އުސޫލުތައް މުރާޖާ ކުރުމާއި ކުށް ކޮށްގެން ހޯދާ މުދަލާއި ގުޅޭ ބިލާއި ގުޅިގެން ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް މެންބަރު ވިދާޅުވިއެވެ.

މި ބިލް ހުށަހެޅުމުގެ މަޤްސަދަކީ ދައުލަތުންނާއި ދައުވާލިބޭ ފަރާތުން ހާމަކުރަން ޖެހޭ މައުލޫމާތުގެ ދާއިރާތައް އިތުރަށް ސާފުކޮށް ތަހުގީގީ އަދި ގާނޫނީ މައްސައްކަތުގެ ސިއްރު ހިފެހެއްޓޭނެ ގޮތްތައް ކަނޑައެޅުމެވެ. މީގެ އިތުރުން ދައުލަތުންނާއި ދައުވާލިބޭ ފަރާތުން ރައްކާތެރި ކުރުމުގެ އަމުރަކަށް ކޯޓައް އެދެވޭނެ ހާލަތްތައް އިތުރަށް ބަޔާންކޮށް އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެ ނުވަތަ ގެއްލުމެއް ލިބިދާނެ ހެކިތައް ހާމަކުރުމުން ރައްކާތެރި ކުރުމުގެ އިހްތިޔާރު ކޯޓަށް ލިބެއެވެ.

ބިލުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށް ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް ދައުލަތަށް އެދެވިދާނެ ޙާލަތްތައް ފުޅާކުރުމަށެވެ. އެގޮތުން ސިއްރު ހެކި ހުށަހެޅުމަށް ދައުލަތަށް އެދެވޭނެ އައު ޙާލަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ސިއްރު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވަނަވަރު ހާމަވެދާނެ ފަދަ ޙާލަތްތައް

  • ހިނގަމުންދާ ޖިނާއީ ތަހުޤީޤުތަކުގެ އޮޕަރޭޝަނަލް މަޢުލޫމާތު ފަޅާއަރައިދާނެ ފަދަ ޙާލަތްތައް
  • ތިންވަނަ ފަރާތެއްގެ ޒާތީ ނުވަތަ ޕްރައިވެޓް މަޢުލޫމާތު ހާމަވެދާނެ ޙާލަތްތައް
  • އިތުރު ކުށްތަކަކަށް އަރައިގަތުމަށް މަގުފަހިވެދާނެ ފަދަ ޙާލަތްތައް
  • ކޯޓުގެ ޙުރުމަތް ކެނޑިދާނެ ފަދަ ޢަމަލަކަށް ވެދާނެ ޙާލަތްތައް
  • ވިޔަފާރީގެ ސިއްރުތައް ހާމަވުން ނުވަތަ ވިޔަފާރީގެ މަސްލަހަތުތަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިދާނެ ޙާލަތްތައް

މީގެ އިތުރުން ދައުލަތުން ދައުއާލިބޭ ފަރާތައް ހާމަކުރާ މައުލޫމާތު ނުވަތަ ހެކި ބޭނުން ކުރެވޭ ގޮތަށް އެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާ ނުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުން މި ބިލްގައި ހިމެނެއެވެ.

މި ބިލް މުހިންމު ވާ މައިގަނޑު ސަބަބަކީ ޤާނޫނުގެ 130 ވަނަ މާއްދާއަަށް ގެނެވޭނެ އިސްލާހުތަކުގެ ސަބަބުން ދައުލަތުން ތަހުގީގުތަކާއި ދައުވާތަކާއި ގުޅޭ ގޮތުން ތައްޔާރު ކުރާ އެތެރޭގެ ލިޔެކިޔުންތަކާއި ސިއްރު އޮޕަރޭޝަން ތަކުގެ މައުލޫމާތު ނުވަތަ ސިއްރު ހެކިވެރިންނާއި ގުޅޭ މައުލޫމާތު ހާމަ ނުކުރުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންދާތީ ޖިނައީ މައްސަލަތައް ތަހުގީގުކޮށް ހައްލު ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ ތަހުގީގީ އިދާރާތަކަށް މިފަދަ ސިއްރު މައުލޫމާތު ހިފަހައްޓަން ނުލިބިއްޖިނަމަ އެ އިދާރާތަކުގެ މަސައްކަތައް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ ކުއްވެރިން ހޯދާ އަދާލަތުގެ ކުރިމައްޗަށް ގެނައުމަށް ދަތިތަކެއް ކުރިމަތިވެގެން ދާނެތީ ކަމަށް މެންބަރު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ހެކިވެރިންނަށް ރައްކާތެރިކަން ކަށަވަރުވެ ހެކި ނައްތާލުން ފަދަ ކަން ކަން މަދުވެގެން ދާނެ ކަމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ހާމަކުރަން ނުޖެހޭ މައުލޫމާތުގެ ގޮތުގައި އޮންނަނީ، ތަހުގީގީ އިދާރާތަކުގެ އެކަނި ބޭނުމަށް ތައްޔާރުކުރާ ރިޕޯޓުތަކާއި ސަރުކާރުގެ މުވައްޒަފުންނާއި ވަކީލުން އަދި ހެކިން ދީފައިވާ ބަޔާންތަކެވެ. އަދި ހެކި ސިއްރުކުރެވެނީ ޖިސްމާނީ ނުވަތަ އިގްތިސާދީ ގެއްލުމެއް ލިބުން، ތަހުގީގަށް ހުރަސްއެޅުން، ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ބެލެވޭ ހާލަތްތަކުގަ އެވެ.

މީގެއިތުރުން، ޖިނާއީ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 192 ވަނަ މާއްދާއިން ފެށިގެން 197 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުވާލުމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އެ މާއްދާތައް އުވާލަނީ އެސެޓް ރިކަވަރީގެ ވަކި ޚާއްޞަ ބިލެއް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިހާރު ވެސް ދިރާސާކުރަމުންދާތީ އެވެ.