އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއަކީ ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމްކުރަންކުރާކަމެއް ކަމަށް ތުހުމަތުކޮށް، ދައްކަމުން އަންނަ ވާހަކަތައް ދޮގުުކުރައްވައި، އެފަދަ ކަމެއް ވިޔަނުދޭން ސަރުކާރުން އަޅާނެ ފިޔަވަޅުތަކުގެ ލިސްޓެއް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އާންމުކުރައްވައިފިއެވެ.

ލިންކެޑްއިންގައި އާންމުކުރެއްވި ލިޔުއްވުމެއްގައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ރަސްމާލޭގައި ޔަހޫދީންގެ އާބާދީއެއް އުފައްދާނެ ކަމަށް ބުނެ އުފައްދާ ބިރަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބައެއް މީހުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކުގެ ބޮޑު ބަޔަކީ ރަސްމާލޭގެ ބިން އަގުކުރާ ގޮތާއި ކުއްޔަށް ދިނުމުގެ އުސޫލުތަކާ މެދުގައި އޮތް ކަންބޮޑުވުމެއް ނޫން ކަމަށާއި އެ ކަންބޮޑުވުންތައް އޮތީ ފަލަސްތީނާ މެދުގައި ކަމަށާއި ފަލަސްތީނު މީހުންނަށް ލިބެމުންދާ އަނިޔާއަކީ އިސްތިސްނާއެއް ނެތި އެންމެހާ ދިވެހިންނަށް ފުންއަސަރު ކުރުވާ ކަމެއް ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބު ދޭންޖެހޭ ކަމަށާއި އެކަމަށް އަަޅާނުލައި ދޫކޮށްލައިގެން ނުވާނެ ކަަމަށާއި، އިޒްރޭލުގެ އެއްވެސް މަސްލަހަތެއް ރަސްމާލެ މަޝްރޫއުގެ ތެރެއަށް ނުވަދެވޭނެކަން ކަށަވަރު ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.އެގޮތުން މުދާ ގަންނަ ފަރާތެއްގެ ގޮތުގައި، ހަގީގީ މަންފާ ލިބޭ ވެރިއެއްގެ (ބެނެފިޝަލް އޯނަރު) ގޮތުގައި، ހިއްސާދާރެއް ނުވަތަ ފައިނޭންސްކުރާ ފަރާތެއްގެ ގޮތުގައި ވެސް އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އަދި އެ ގައުއުމުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް ބައިވެރި ނުވެވޭނެ ގޮތް ސަރުކާރުން ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕްރޮޕަޓީއެއް ގަންނަ ކޮންމެ މީހަކު ވެސް އެ މީހަކު ނިސްބަތްވާ ހުރިހާ ގައުމުތަކެއް ސާފުކޮށް ހާމަކުރަންޖެހޭނެ ކަމަށާއި، އެއްވެސް މައުލޫމާތެއް އޮޅުވާލައިފި ނަމަ އެއްބަސްވުން ވަގުތުން ބާތިލުކޮށް، އެ މުދަލަކާއި ފައިސާ ދައުލަތަށް ނަގާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުން ވެސް އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި ހަރުދަނާ ސްކްރީނިން މަރުހަލާތައް ހިންގާއިރު ރަސްމާލެ މަޝްރޫއުގެ އެއްވެސް އިންތިޒާމެއްގެ ދަށުން ރާއްޖޭގެ ދާއިމީ ރަށްވެހިކަމެއް ނުވަތަ ރައްޔިތުކަމެއް ނުދޭނެ ކަމަށާއި ބިން ދާއިމީކޮށް މިލްކުވާ އުސޫލުން ރަސްމާލޭގެ އެއްވެސް ތަނެއް އެއްވެސް ބޭރު ފަރާތަކަށް ދުލެއް ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުލީގެ މުއްދަތު ދާއިމީވާނެ އެއްވެސް ޖާގައެއް ވެސް ނުދޭނެ ކަމަށާއި މަޝްރޫއުގެ ކޮންމެ ފިޔަވައްސެއްގެ ދަށުން އިމާރާތްކުރާ ޔުނިޓްތައް، ދިވެހި ރުފިޔާއިން އަގުދައްކާ ގޮތަށް ގަތުމުގެ ފުރަތަމަ ފުރުސަތު ދިވެހިންނަށް ދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޒަޔަނިޒަމް ޕްރޮޖެކްޓަކީ ތާރީހީ ގޮތުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން ހިންގާ ކަމެއް ކަމަށާއި، މުޅި އެ ހަރަކާތުގެ އަމާޒަކީ އެހެން ގައުމުތަކުން ޔަހޫދީން ގެންގޮސް ފަަލަސްތީނުގައި ވަޒަންވެރިކުރުވުންކަން މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މުއްޠަލިބު އިތުރަށް ވިދާޅުވީ ސަރަަހައްދީ ރޮނގު އަމިއްލައަށް ބަަލަހައްްޓައި ވިސާ އާއި ބިން އަމިއްލައަށް ކޮންޓްރޯލްކުރާ މިނިވަން ގައުމަކުން ބޭރު މީހުން ގެ ގަތުމާއި ދިގުމުއްދަތަށް ކުއްޔަށް ހިފުން ފަދަ ކަންތައްތަކުގެ ތެރެއިން ތަނެއް އަތުލި ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ދުނިޔެއަށް މިހާތަނަށް ފެންނަން އޮތީ މިހެން ކަމަށް ވާއިރު މި ނޫން ގޮތަކަށް ވާހަކަ ދައްކައި، މީހުން އެ ކުރާ ކަަމަކީ ވުޖޫދުގައި ނެތް ބިރެއް އުފެއްދުން ކަމަށާއި އެ ކުރާ ކަމަކީ ފަލަސްތީނުގެ މީހުންގެ ގުރުބާނީ އާއި ދިވެހިންގެ އިހުސާސްތައް ފަލަސްތީނު މީހުންގެ ބަހެއް ނެތި ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމްކޮށްފާނެ ކަމުގެ ކަންބޮޑުވުން ނެތް ދެވަނަ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ އިޒްރޭލު ޕާސްޕޯޓް ރާއްޖޭގައި މަނާކޮށްފައި އޮތުމެވެ. މިނިސްޓަރު ވިދާޅުވީ އެއީ ކުރީގެ އެއްވެސް ސަރުކާރަކުން އަޅާފައި ނުވާ ފިޔަވަޅެއް ކަމާއި މި ސަރުކާރުން އެ ފިޔަވަޅު އެޅީ އެކަން އެގޮތަށް ނުކުރަން ފިއްތުންތައް ކުރިމަތިކުރަމުން ދަނިކޮށް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކަށް ތަބާވާނެ ކަމަށް އީގަލް ހިލްސް އިން ބުނެފައިވާ ކަން ވެސް މިނިސްޓަރު މުއްތަލިބުގެ ލިޔުއްވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.