ހަތަރު ރަށެއްގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު 4،429 މީހުންނަށް ލިބިފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މި އިންތިޚާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި ބައި-އިލެކްޝަންތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައި ވަނީ ހއ. ވަށަފަރާއި ނ. ކުޑަފަރި އަދި ވ. ތިނަދު އާއި ސ. ހުޅުދޫން ވޯޓުލެވޭ މީހުންގެ ލިސްޓެވެ.

ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތަފްސީލަށް ބަލާއިރު ވ. ތިނަދޫ އިން 185 މީހުން، ހއ. ވަށަފަރުން 688 މީހުން، ނ. ކުޑަފަރިން 653 މީހުން އަދި ސ. ހުޅުދޫން 2,903 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ.

މި ފަހަރުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން ބާއްވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާތީއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، ނ. ކުޑަފަރި، ވ. ތިނަދޫ އަދި ސ. ހުޅުދޫގައެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ މައުލޫމާތު ވީއާރު އަދި އައިޑީކާޑު ނަމްބަރު ޖެހުމަށް ފަހު 1414 އަށް ފޮނުވައިގެން ބެލޭނެ ކަމަށް ކޮމިޝަނުން ބުންޏެެވެ. އަދި ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވެސް ލިސްޓު ވަނީ އާންމުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލާ މީހުންގެ ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ، މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ޖެހޭނީ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ލިސްޓަށް މީހަކު އިތުރުކުރުމަށް، އުނިކުރުމަށް ނުވަތަ މައުލޫމާތެއް ބަދަލުކުރުމަށް ހުށަހަޅާއިރު، އެކަން ސާބިތުވާނެ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން އިންތިހާބާ ގުޅޭ އެހެނިހެން ޝަކުވާތައް "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް[email protected]އަށް އީމެއިލް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ.

މި އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އިންތިހާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، ދައްކަންޖެހޭ އިދާރީ ފީ ދެއްކުން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.