އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރަލާއެކު ހައްޔަރުކުރި 3 މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމް.ޑީ. ރަކިބް ހޮސެން (25އ) ކަމަށެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީން އާއި ޕޮލިން ފަސްދުވަހަށް އަދި އެމް.ޑީ. ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރު ގެއެއް ބަލައިފާސްކުރުމަށްފަހުގައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި 826 ފުޅި ބަނގުރާ އަތުލައިގަނެފައިވާ ކަމަށެވެ.
އޮޕަރޭޝަން ހިންގާފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.