ރަސްމާލޭން 500 ހެކްޓަރަށް ވުރެ ބޮޑު ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.
އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންއެވެ. އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ވާތީއެވެ.
ސްޕްރީމް ކޯޓުގެ ރަޖިސްޓްރާގެ އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައަކީ އާންމު މަސްލަހަތު ހިމެނޭ ދުސްތޫރީ މައްސަލައެއް ކަމަށެވެ.
އެ މަޝްރޫޢުއާ ގުޅޭގޮތުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ރަސްމާލޭގެ އެއްވެސް ތަނެއް ސަރުކާރުގެ ހުއްދައެއް ނެތި އެކަކު އަނެކަކުގެ މެދުގައި ގަނެ، ވިއްކައި ނުވަތަ ބަދަލެއް ނުކުރެވޭނެ ކަމަށާއި ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު، ސަރުކާރަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން އެ ތަނެއް ލިބޭ ފަރާތް ބަލައި، އެކަމުގެ ހުއްދަ ދިނުމާއި ނުދިނުމަށް ނިންމުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުއްތަލިބު ވިދާޅުވީ، އީގަލް ހިލްސްއަށް ތިންވަނަ ފަރާތަކަށް ވިއްކޭނީ ތަރައްގީކުރާ ޕްރޮޕަޓީ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ހުއްދަ ލިބިގެން ވިއްކާލާ ޕްރޮޕަޓީ ހިމެނޭ ބިން ދެނީ ސަރުކާރާއެކު ސޮއި ކުރާ ކުލީގެ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ކަމަށްވެސް މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.