ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިނުކޮށްގެން ސަފީރަކު މަގާމުން ވަކިކުރި ކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ސަފީރުން މަގާމުތަކަށް އައްޔަނުކުރުމާއި ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ހިނގަމުންދާ ކަމެއް ކަމަށެވެ. އަދި އެފަދަ ނިންމެވުންތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާ ޚާއްސަ އިޚްތިޔާރުގެ ދަށުން ނިންމަވާ ނިންމެވުންތަކެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ބަޔާނުގައި ބުނީ އެ ނޫހުގައި ފާހަގަކޮށްފައިވާ ސަފީރަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޚާރިޖީ ވުޒާރާގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެ ބޭފުޅާ ސަފީރެއްގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ 30 އޮކްޓޯބަރު 2024 ގައި ކަމަށްވެސް ވުޒާރާއިން ބުނެއެވެ. ޚާރިޖީ ވުޒާރާއިން ބުނީ ފޮރިން ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން، އެ ސާވިސްގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން، ގާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް އެއްވެސް މުވައްޒަފަކަށް ސަރުކާރުން މަޖުބޫރުކޮށްފައި ނުވާނެ ކަމަށްވެސް އެ ވުޒާރާގެ ބަޔާނުގައި ކަށަވަރުކޮށްދިނެވެ.
މީގެ އިތުރުން ޚާރިޖީ ވުޒާރާއިން ވަނީ އެ ވުޒާރާއާއި މުވައްޒަފުންނާ ގުޅޭގޮތުން ސާބިތުނުވާ ދޮގު މައުލޫމާތު އާންމު ނުކުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ.