ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު ހުންނެވި ދުވަސްވަރު ހިންގި ބޮޑު ކޮރަޕްޝަން މައްސަލައިގައި، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައިގައި ސައީދުގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ މައްސަލައިގައި ޝަރީޢަތުގެ މަރުޙަލާތަކަށްފަހު ކްރިމިނަލް ކޯޓުން މިހާރު ވަނީ އޭރުގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވާ ކަމަށް ނިންމާފައެވެ. ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމި ނަމަވެސް، މިހާތަނަށް ހުކުމެއް ނުކުރެއެވެ. އަދި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ ދެން އޮންނަ އަޑު އެހުމެއްގައެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ދޫކޮށްފައިވާ މައްސަލައެކެވެ. އެ މައްސަލައިގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި އެ މަސައްކަތް ނުނިމެނީސް އިތުރު އެއްބަސްވުމެއްވެސް ވަނީ ހަދާފައެވެ.