ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަން ފުޅާކުރުމަށް މަޝްވަރާތަކެއް ނ. މަނަދޫގައި ބާއްވައިފިއެވެ.
މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އިތުރުން، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އަދި އދ. ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އިސް ތަމްސީލުކުރައްވާ ބޭފުޅުން ވަނީ މިއަދު މަނަދޫއަށް ވަޑައިގަންނަވާފައެވެ.
އެގޮތުން މަނަދޫ ކައުންސިލާއެކު މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި، މަނަދޫގެ ތަރައްޤީއަށް އިސްކަންދޭ ދާއިރާތަކާއި، ޚާއްޞަކޮށް ދަނޑުވެރިކަން ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް އެއްކުރުމާއި ބަންދުކުރުމުގެ މަސައްކަތްތަކާއި، އަލަށް ހުށަހެޅިފައިވާ މާކެޓް ކޮންސެޕްޓާ ބެހޭގޮތުންވެސް މިނިސްޓްރީއާ އެ ކައުންސިލާ ދެމެދު ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.
ދަނޑުވެރިން އުފައްދާ ތަކެތި ބާޒާރަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ ގޮތުން، އިތުބާރު ހުރި ލޯ-ކާބަން ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަމަށްވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން އެ ދަތުރުގެތެރެއިން ވަފްދުގެ ބޭފުޅުން ވަނީ "ލޯ-ކާބަން އެޓޯލް ވެލިއު ޗެއިންސް ފޯ ކްލައިމެޓް-ރެޒިލިއަންޓް އެގްރިކަލްޗަރ" (ލާވާ) މަޝްރޫޢުގެ ފަރުމާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން ބޭއްވި ބްރީފިންގއެއްގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ބްރީފިންގައި ލާވާ މަޝްރޫޢުގެ ފަންނީ ދިރާސާތަކުން ފާހަގަކުރެވުނު ކަންކަން ހުށަހަޅައި، ނޫނު އަތޮޅުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް އިސްކަންދޭނެ ކަންކަމާ ގުޅޭގޮތުން ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.