ރަސްމާލޭގެ މަޝްރޫއުއާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބު ދޭން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢުއަށް އިޝާރަތްކުރައްވާ މި ސަރުކާރުގެ ހެލްތު މިނިސްޓަރުކަންވެސް ކުރެއްވި އަދި ފަހުން ފޮރިން މިނިސްޓަރުކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރި ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްޤީގެ ދުވެލީގައި ރާއްޖެ ކުރިއަރައި ދިއުމަކީ ނާދިރުކަމެއް ކަމަށެވެ. އަދި އެފަދަ ޕްރޮޖެކްޓްތައް، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، ޕްރޮޖެކްޓް ކާމިޔާބުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި ޢާންމުވެފައިވާ މަޢޫލޫމާތުތަކަށް ބަލާއިރު ރަސްމާލެ ޕްރޮޖެކްޓަކީވެސް އާދަޔާ ޚިލާފަށް ބޮޑު މަޝްރޫޢުއެއް ކަމަށް ޚަލީލް ވިދާޅުވިއެވެ. ނަމަވެސް، ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ޙައްސާސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ މަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި، ގައުމާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ޙައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ޙައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން ކަމަށް ހަލީލް ވިދާޅުވިއެވެ.
އެގޮތުން ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯއާއި ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯއާއި އެއީ ކިހާވަރެއްތޯ ސާފުކޮށްދޭން ޖެހޭ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯއާއި އެއީ ކިހާ މިންވަރެއްކަންވެސް ސާފުކޮށްދޭން ޖެހޭ ކަމަށް ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށާއި އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބައިތޯ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯވެސް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ އާއި ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ އާއި 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންކަން ސާފުކޮށްދޭން ޖެހޭ ކަމަށް ހަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ/ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ އާއި އަދި މިނޫންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމް ކަމަށް ޚަލީލްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ. ޚަލީލުގެ ޕޯސްޓާ ގުޅިގެން ޕީއެންސީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާ ޕީއެންސީގެ މެމްބަރުން ގެންދަނީ އެޕޯސްޓަށް އެކި ގޮތްގޮތަށް ރައްދުދެމުންނެވެ.