ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެހެން ހެދުމަށް، ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ މުދާ ނެގުމާއި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފަހު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
އެ ބިލުގައިވާގޮތުން ކުށް ކޮށްގެން ހޯދާ މުދަލާއި ކުށް ކުރަން ބޭނުންކުރާ މުދާވެސް ދައުލަތަށް ނެގޭނެ ކަމުގައި ބުނެފައި ވާއިރު، ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން އާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި މީހަކު މެރުމާއި މަސްތުވާތަކެއްޗާއި މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށާއި ކައުންޓަރފިޓްކުރުމާއި ކޮރަޕްޝަނާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ. އަދި ޓެކްސް ނުދެއްކުމުގެ ކުށުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ފޭރުމާއި ވައްކަމާއި ޚިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާޢީ ބޮޑު ކުށެއް ކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށްކޮށްގެން މުދާ ހޯދޭނެ ކޮންމެ ކުށެއްގައިވެސް ދައުލަތަށް މުދާ ނެގޭނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.
އެ ބިލުގައިވާގޮތުން މިފަދަ ކުށްތައް ރާއްޖޭން ބޭރުގައި އަދި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް އައު ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެއެވެ. އަދި ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުތަކަށް ރިއާޔަތްކުރަންވާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އެ ބިލުގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ގާނޫނީ ހަރުދަނާ އޮނިގަނޑެއް އެކުލަވާލައި، ބޭރު ގައުމުތައް މެދުވެރިކޮށް ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި ބައިނަލްއަގުވާމީ އެހީތެރިކަން ދިނުމާއި ހޯދުމުގެ އުސޫލުތައް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި ޖިނާއީ ކުށެއް ސާބިތުނުވާ ހާލަތުގައި ވެސް ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ އެއްޗެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުކޮށްދެވޭ ނަމަ، ސިވިލް ރެސްޓްރެއިންޓް އަމުރެއްގެ ދަށުން އެ މުދާ ހިފެހެއްޓުމުގެ ނުވަތަ ސިވިލް ފޯފީޗާ އަމުރެއްގެ ދަށުން ދައުލަތަށް ނެގުމުގެ އިހުތިޔާރު ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިގެންވާ ކަމަށްވެސް އެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މި ބިލުގެ ދަށުން ދައުލަތަށް ނަގާ މުދާ ބީލަމުގެ އުސޫލުން ނުވަތަ ނީލަން ކިޔައިގެން ވިއްކުމުގެ އިހުތިޔާރު ދައުލަތަށް ލިބިގެންވީ ނަމަވެސް އެ މުދާ ކުރިން ނިސްބަތްވި މީހާއަށް ނުވަތަ އޭނާގެ އާއިލާގެ މީހަކަށް ވިއްކުން މަނާވާނެއެވެ.
މީގެ އިތުރުން މާލީ އިދާރާއެއްގެ އެކައުންޓެއްގައި ދައުލަތަށް ނެގިދާނެ ފައިސާ ހުރި ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ނަމަ، އެކައުންޓުގެ ވެރިފަރާތަށް އެންގުމަކާ ނުލައި 3 މަސްދުވަހުގެ މުއްދަތަށް އެ އެކައުންޓެއް މޮނިޓާކުރުމުގެ ކޯޓު އަމުރެއް ހޯދުމުގެ ފުރުސަތު އެ ބިލުގައި ލިބިދީފައި ވެއެވެ. އަދި އެފަދަ އަމުރެއްގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާތައް ފިޔަވައި އެހެން ފަރާތަކަށް ހާމަކުރުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ މައުލޫމާތެއް ހާމަކޮށްފި ނަމަ، އެކަން ކުރި ފަރާތެއް ނުވަތަ ބޭންކެއް 100،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.
އެ ބިލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 2 މަސްދުވަސް ތެރޭގައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ކުށްކުރުން ހުއްޓުވުމަށާއި، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ބަދަލުދިނުމަށް"ރިކަވަރީ އެސެޓްސް ފަންޑު" ގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމުކުރަން ޖެހޭނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.