އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ޚިޔާނާތުގެ ޢަމަލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ހިންގާފައިވާ ޚިޔާނާތުގެ ޢަމަލެއްކަމަށް ކްރިމިނަލް ކޯޓުގައި ދަޢުލަތުން ބުނެފިއެވެ.
ރ. ފުއްގިރި އާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ ޝަރީއަތުގައި ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ ހުލާސާ ބަޔާން ހުށަހެޅުމެވެ.
އެ މައްސަލައިގައި ދަޢުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިންގްގެ ކުށުގެ ދައުވާއާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއަކީ މި މައްސަލައިގައި ހިމެނޭ ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާ ކަމަށެވެ. ނަމަވެސް ދައުލަަތުން ފާހަގަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވާ، ނުފޫޒު ފޯރުވައިގެން ހޯއްދަވާފައިވާ ފައިސާ ކަމަށާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަނަކީ އެ މަނިކުފާނު އަންގަވައިގެން ކުރައްވާފައިވާ ކަންކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ވެސް ކުރީގެ ރައީސް ޔާމީން ކަމަށާއި އަދީބުގެ ކޮރަޕްޝަންގެ މަޢުލޫމާތުތަކެއް ލިބިވަޑައިގަންނަވާފައިވަނިކޮށް ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރައްވާފައިވާކަންވެސް ދަޢުލަތުން މިއަދު ވަނީ ފާހަގަކޮށްފައެވެ. ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު މާރުކުރި ފައިސާކަމަށް ވިދާޅުވާއިރު، އެ ފައިސާއަށްވާ ދިވެހި ފައިސާ ކޮބައިތޯ ދައުލަތުން ވަނީ ސުވާލު އުފައްދާފައެވެ. ދަޢުލަތުން ވަނީ ޔާމީންގެ ފަރާތުން ހުށަހެޅި ޑޮލަރު މާރުކުރުމުގެ ދިފާއު ބަލައިނުގަތުމަށްވެސް އެދިފައެވެ.
ބިޑަކާ ނުލައި ދުބާއީގެ ކުންފުންޏަކަށް ފުއްގިރި 1.55 މިލިއަން ޑޮލަރަށް ދޫކުރި މުއާމަލާތަކީ ޔާމީނަށް ފައިސާ ހޯދުމުގެ މަގުސަދުގައި ހިންގި ކަމެއް ކަމަށާއި މިގޮތުން އެއީ ދައުލަތަށް ކުޑަ އަގެއް ވައްދައި ބާކީ ފައިސާ ޕާޓީއަށާއި ޔާމީނަށް ލިބޭގޮތަށް ރޭވި ކަމެއް ކަމަށްވެސް ދައުލަތުން ބުނެފައި ވެއެވެ.
ފުއްގިރިި ޚިޔާނާތުގެ މައްސަލައިގައި ދިފާއުގެ ޚުލާސާ ބަޔާން އިއްވުން މާދަމާއަށް ތާވަލުކޮށްފައި ވާއިރު، ދެ ފަރާތުން ހުލާސާ ބަޔާން ނިމުމުން ދެން އޮންނާނީ މައްސަލައިގައި ހުކުމް ކުރުމެވެ.
މި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގާނެއެވެ. މި މައްސަލައިގައި ދެ ފަރާތުން ހެކި ހުށަހެޅުން އޮންނާނީ 12 ނޮވެމްބަރުގައެވެ.