ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ބޭރު ފައިސާ، ރާއްޖޭން ބޭރުކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގަވައިދާ ޚިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު 905،669.80 ރުފިޔާއަށްވާވަރުގެ ބޭރު ފައިސާ މި މަހުގެ 7 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރަން ދިޔަ މީހަކު ކަސްޓަމްސްއަށް ޑިކްލެއާނުކޮށް ބޭރުކުރަން މަސައްކަތްކުރި ކަމަށެވެ.

މި ފައިސާތައް އަތުލައިގަތީ އިންޑިއާއަށް ނިސްބަތްވާ ފަސިންޖަރެއްގެ އަތުން ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

މި ފައިސާތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ކަމަށް ކަސްޓަމްސްއިން ކުރި ޕޯސްޓުގައި ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އެއީ ކޮން ގައުމުތަކެއްގެ ފައިސާއެއްކަން ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 18ވަނަ ދުވަހު ވެސް ވަނީ ސީރިއަލް ޕެކެޓުތަކެއްގައި ފޮރުވައިގެން ރާއްޖެއިން ގަވައިދާ ޚިލާފަށް ބޭރުކުރަން އުޅުނު 3.86 މިލިއަން ރުފިޔާ ހިފަހައްޓާފައެވެ. މި މައްސަލައިގަ 6 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ އަތުން ފެނުނު ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި 56,760 ޔޫރޯއާއި 1,815 ސްޓާލިން ޕައުންޑު ހިމެނެއެވެ.

ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ބޭރު ފައިސާ ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.